ބައިނަލްއަގުވާމީ ފެންވަރެއްގައި ގިނަ ބައެއްގެ ލޯބި ހޯދާފައިވާ މަޝްހޫރު ޗޮކްލެޓްތަކެއްގެ ފަހަތުގައި އޮތް ކުންފުނިކަމަށްވާ މޮންޑެލޭޒް އިންޓަނޭޝަނަލްއިން 'ޗޮކްލެޓް ރަހަބާލާދޭނެ' މީހުން އިއުލާންކޮށްފިއެވެ.

މި ކުންފުނީގެ ކުޑައިގެ ދަށުން ބައިނަލްއަގުވާމީ ބާޒާރަށް ނެރޭ ޗޮކްލެޓް އުފެއްދުންތަކުގެ ތެރޭގައި ކެޑްބަރީ، އޯރިއޯ އާއި ޓޮބްލެރޯން ފާހަގަކޮށްލެވެއެވެ.

މިވަޒީފާ އޮތީ އިނގިރޭސިވިލާތުގައި ކަމަށްވާއިރު، މިމަގާމަށް ހޮވޭ މީހަކު މަސައްކަތްކުރާނީ ލީޑަރެއްގެ ދަށުން، 11 މެމްބަރުންގެ މައްޗަށް އެކުލެވޭ ޓީމަކާއިއެކުގައި ކަމަށް މައުލޫމާތު ލިބެއެވެ. މިމީހާގެ ޒިންމާއަކީ ކުންފުނީގެ އާ އުފެއްދުންތައް ރަހަ ބަލާ، އެ ރަހަތަކަށް ފާޑުކިއުމެވެ. އުޖޫރަކީ، މަސައްކަތްކުރާ ކޮންމެ ގަޑިއިރަކަށް 14 ޑޮލަރުގެ ރޭޓެވެ. ހަފުތާއަކު 8 ގަޑިއިރު މަސައްކަތްކުރަންޖެހޭ ކަމަށް ޚަބަރު ލިބެއެވެ.

ވަޒީފާއަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި ކާ އެއްޗިއްޗަށް އެލާޖިކު ނުވުން ހިމެނޭއިރު، އެމީހަކީ ޗޮކްލެޓާއި ބެހޭ މައުލޫމާތު އެނގޭ މީހަކަށްވެސް ވާކަށް ނުޖެހެއެވެ. ކަމާއި ގުޅުންހުރި ތަމްރީނު ފޯރުކޮށްދޭނީ ކުންފުނިން ކަމަށް ވަނީ ބުނެފައެވެ.

މި މަގާމަށް މީހަކު ހޮވުން އޮންނާނީ ޗޮކްލެޓު ރަހަބެލުމުގެ ޗެލެންޖެއް މެދުވެރިކޮށް ކަމަށް މައުލޫމާތު ލިބެއެވެ.