ޕޮޕް ލަވައިގެ ރަސްގެފާނު މައިކަލް ޖެކްސަންގެ ފަރާތުން އެތައް ސަތޭކަ ފަހަރަކު ޖިންސީ އަނިޔާ ލިބިފައިވާ ކަމަށް، އޭނާއާއި ދެކޮޅަށް އާންމުކުރި "ލީވިންގް ނެވާލަންޑް" ޑޮކިއުމަންޓްރީ ފިލްމުގައި ވާހަކަ ދެއްކެވި ވޭޑް ރޮބްސަންއާއި ޖޭމްސް ސޭފްޗަކް ބުނެފިއެވެ.
މި ދެމީހުން ބުނާ ގޮތުގައި މިކަމެއް ފެށުނީ އެމީހުންގެ އުމުރުން 7 އަހަރާއި 10 އަހަރުގައެވެ.
މިހާރު އުމުރުން 36 އަހަރު ފުރިފައިވާ ވޭޑް ރޮބްސަން ބުނީ މައިކަލް ޖެކްސަންގެ ފަރާތުން ޖިންސީ އަނިޔާ އެންމެ ފުރަތަމަ ލިބުނީ އުމުރުން އެންމެ 7 އަހަރުގައި ކަމަށާއި، އުމުރުން 14 އަހަރުގައި އޭނާ ރޭޕް ކުރަންވެސް މަސައްކަތްކުރި ކަމަށެވެ.
މިހާރު އުމުރުން 40 އަހަރު ފުރިފައިވާ ޖޭމްސް ސޭފްޗަކް ބުނީ މައިކަލް ޖެކްސަންގެ ފަރާތުން ޖިންސީ ގޯނާ ލިބެން ފެށީ 10 އަހަރުން ފެށިގެން ކަމަށާއި، އުމުރުން 14 އަހަރު ވަންދެން އެކަމެއް ހިނގި ކަމަށެވެ.
ކަންމިހެން އޮތްއިރު، މައިކަލް ޖެކްސަންގެ އާއިލާއިން ދަނީ ދައުވާތަކަށް އިންކާރު ކުރަމުންނެވެ. އަދި އެ ދައްކާ ވާހަކަތައް ސާބިތުކޮށްދޭނެ އެއްވެސް ހެއްކެއް ނެތްކަމަށްވެސް އާއިލާއިން ދަނީ ބުނަމުންނެވެ.
މައިކަލް ޖެކްސަން އެކަމެއް ކުރީ މީހެއް ގާތު އެވާހަކަ ބުނެފިނަމަ ޖަލަށް ދާންޖެހޭނެ ކަމަށާއި ޖަލަށް ދާން ޖެހިއްޖެ ނަމަ ދިރިއުޅުން ބަރުބާދުވާނެ ކަމަށް ބުނެ ބިރު ދައްކައިގެން ކަމަށް ރޮބްސަން ވަނީ ކިއާދީފައެވެ. އަދި މައިކަލް ފަދަ މަޝްހޫރު މީހަކާއި ދުރަށް ދާން އޭރު ބޭނުން ނުވި ކަމަށްވެސް އޭނާ ބުނެއެވެ.
ސޭފްޗަކް ބުނީ ޖިންސީ އަމަލު ހިންގަން މައިކަލް ޖެކްސަން އޭނާއަށް ދަސްކޮށްދިނީ އުމުރުން އެންމެ 10 އަހަރުގައި ކަމަށެވެ. ސޭފްޗަކް ބުނީ ގިނަސް ދުވަސްތަކެއް ވަންދެން ޖިންސީ އަނިޔާގެ ޝިކާރައަކަށް އޭނާ ވާންޖެހުނީ މައިކަލް ޖެކްސަން އޭނާގެ ބެލެނިވެރިންވެސް "ހައްދާފައި" ތިބުމުގެ ސަބަބުން ކަމަށެވެ.
2009 ވަނަ އަހަރު މި ދުނިޔެއާއި ވަކިވި މައިކަލް ޖެކްސަންގެ އާއިލާއިން ބުނީ، މައިކަލް އަކީ މައުސޫމު މީހެއް ކަމަށެވެ.