ޕާކިސްތާނުގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކުން ހަމަލާ ދީ ވައްޓާލާފައިވާ އިންޑިއާގެ ހަނގުރާމަމަތީ މަތިންދާބޯޓުގެ ޕައިލެޓް މިނިވަން ކުރުމަށް އިންޑިއާއިން ޑިމާންޑްކޮށްފިއެވެ.

ފެބުރުވަރީ މަހުގެ 14 ވަނަ ދުވަހު ކަޝްމީރުގެ އިންޑިއާއާއި ވީ ފަޅީގައި އޮންނަ ޕުލްވާމާއަށް އަމާޒުކޮށް، ޕާކިސްތާނުގެ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ ޖާއިޝީ މުޙައްމަދަށް ނިސްބަތްވާ ހަނގުރާމަވެރިއަކު އަމިއްލައަށް މަރުވެގެން ދިން ބޮމުގެ ހަމަލާގައި އިންޑިއާގެ ޕެރާމިލިޓްރީ ފުލުހުންތަކެއް މަރުވި މައްސަލައާއި ގުޅިގެން އިންޑިއާއާއި ޕާކިސްތާނުގެ މަސްރަހު އިންތިހާއަށް ހަލަބޮލިވެ، ނުރައްކާވެފައިވާއިރު ނިއުކްލިއާ ބާރުވެރިކަން ލިބިފައިވާ މި ދެގައުމުގެ މެދުގައި އަސްކަރީ ހަނގުރާމައެއް ގަދަވެދާނެ ކަމުގެ ބިރުވަނީ އިންތިހާއަށް ބޮޑުވެފައެވެ.

ޕާކިސްތާނުގެ އިންފޮމޭޝަން މިނިސްޓްރީއިން ވަނީ އިންޑިއާގެ އަސްކަރީ ޕައިލެޓް ކަނުބަނދެފައިވާ ވީޑިއޯއެއް އާންމުކޮށްފައެވެ. މި ވީޑިއޯއިން ފެންނަ ގޮތުގައި އޭރުވެސް ޕައިލެޓްގެ މޫނުމަތިން ލޭގެ އަސަރު ފެންނަން ހުރެއެވެ.

އިންޑިއާއިން ބުނީ، އަނިޔާވެފައިވާ ޕައިލެޓްގެ މަންޒަރުތައް އާންމުކުރި ކުރުމަކީ ޕާކިސްތާނުން ހިންގި، އެއްވެސް "ގޮތެއް ފޮތެއް" ނެތް އަމަލެއް ކަމަށެވެ.

ޕާކިސްތާނުން ބުނަމުންދަނީ އިންޑިއާގެ ޕައިލެޓަށް ރަނގަޅު ފަރުވާއެއް ދެމުންދާކަމަށެވެ. އެ ޕައިލެޓަށް އަނިޔާކޮށްފައިވަނީ ކަޝްމީރުގެ ޕާކިސްތާނާއި ވީ ފަޅީގައި އުޅޭ އާންމުންކަމަށް ބެލެވޭއިރު، އާންމުންގެ ކިބައިން ޕައިލެޓް ސަލާމަތްކޮށްދިނުމުގައި ހަރަކާތްތެރިވީ ޕާކިސްތާނުގެ އަސްކަރީ ސިފައިންކަމަށްވެސް ބުނެވެއެވެ.

ޕާކިސްތާނުން ހައްޔަރުކޮށްފައިވާ އިންޑިއާގެ އަސްކަރީ ޕައިލެޓަށް ބަތޮލެއްގެ ދަރަޖަ ސޯޝަލް މީޑިއާގައި ދީފައިވާއިރު، "ސޭ ނޯ ޓު ވޯ" ގެ ނަމުގައި ހޭޝްޓެއްގެ ބޭނުންކޮށްގެން، ހަނގުރާމައަކަށް ފުރުސަތު ނުދިނުމަށް ސޯޝަލް މީޑިއާގައި މިހާރުވަނީ ވަރުގަދަ ކެމްޕޭނެއްވެސް ފަށާފައެވެ.