ޝަރީއަތް ނިމެންދެން މާފުށީ ޖަލުގައި ބަންދުކޮށްފައިވާ ކުރީގެ ރައީސް އަބަދުﷲ ޔާމީން މިނިވަން ކޮށްދެއްވަން އެދި ޕްރޮގްރެސިވް ކޯލިޝަނުން ރައީސް އަބްދުއްރަހީމް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ މިއަދު ބައްދަލުކުރައްވައިފިއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ބައްދަލުވުމަށް ފަހު ޕީއެންސީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު އަދުރޭ ވިދާޅުވީ ރައީސް އާއި ދައްކަވަން ބޭނުންފުޅުވި ހުރިހާ ވާހަކަތަކެއް ދެއްކެވި ކަމަށާއި އަދި ރައީސް ވަރަށް ޕޮޒިޓިވް ޖަވާބުތައް ދެއްވި ކަމަށެވެ. ނަމަވެސް އެ ބައްދަލުވުމުގެ ތަފްސީލް އަބްދުއްރަހީމް ދެއްވާފައެއް ނުވެއެވެ.

ބައެއް މީޑިއާ ރިޕޯޓުތައް ބުނާގޮތުން ޔާމީން ބަންދުގައި ބަަހައްޓާފައިވަނީ ބޭއިންސާފުން ކަމަށާއި އެކަން ހުއްޓުވުމަށް އެދި ރައީސް ސޯލިހުގެ އަރިހުގައި ދެންނެވުމަށް ޔާމީން ވަނީ އެމަނިކުފާނުގެ ވަޒީރުންނާއި މަޖިލީސް މެންބަރުންގެ އަރިހުން އެދިވަނޑައިގެންފައެވެ. މިހެން ވިދާޅުވެފައިވަނީ އެމަނިކުފާނުގެ ވަޒީރަކު މެދުވެރި ކުރައްވައިގެން ޕީޕީއެމް ވައިބާ ގުރޫފަށް ފޮނުއްވި މެސެޖެއްގައެވެ.

ޔާމީނާއާއި އެމަނިކުފާނުގެ ޕާޓީ އިސް ބޭފުޅުން އަދި އެމަނިކުފާނަށް ތާއިދުކުރާ އެންމެހާ ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި އެ ދައުވާ ޔާމީންގެ މައްޗަށް އުފުލާފައިވަނީ ބޭއިންސާފުން ބަޔަކު ރާވައިގެން ނުހައްގުން ކަމަށެވެ.

ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާ އަކީ އެމްއެމްޕީއާރުސީ ބޮޑު ހިޔާނާތުގެ ފައިސާއިން އެމަނިކުފާނުގެ އިސްލާމިކް ބޭންކުގަައި ހުޅުވާފައިވާ އަމިއްލަފުޅު އެކައުންޓަކަށް އެއް މިލިއަން ޑޮލަރު ޖަމާ ކުރައްވައިފައިވާ މައްސަލައެވެ.

އެ ޝަރީއަތް ނިމެންދެން ޔާމީން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ. ޔާމީން ހުންނަވަނީ މާފުށީ ޖަލުގެ ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓްގެ ގޮޅިއެއްގައެވެ.