ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއީ) ގެ ޑިރެކްޓާ ޖެނެރަލްގެ މަގާމުގައި ހުންނެވި އަހުމަދު ޝަކީބާއި އޭނާގެ އަނބިކަނބަލުން އުމްނިޔާ މުސްތަފާ ޑީޕީއީ އިން ވަކިކޮއްފިއެވެ. މިދެމީހުން ބަދަލު ކޮށްފައިވަނީ އެޑިއުކޭޝަން މިނިސްޓްރީގެ އެހެން ދެދާއިރާ އަކަށެވެ.

ޑީޕީއީ ގެ ޑިރެކްޓާ ޖެނެރަލްގެ މަގާމުން ޝަކީބު ވަކިކުރީ އޭނާ މަގާމުގައި ހުންނަތާ 11 އަހަރު ފަހުންނެވެ. މި ދިޔަ ބުރާސްފަތި ދުވަހުން ފެށިގެން އޭނާ ވަނީ ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިޓީ) ގެ މަގާމަށް ބަދަލު ކޮށްފައެވެ. އަދި އަނބިކަނބަލުން އުމްނިޔާ ބަދަލުކޮށްފައިވަނީ އެޑިއުކޭޝަން މިނިސްޓްރީގެ ޕޮލިސީ ޑިޕާޓްމަންޓަށެވެ.

މި ސަރުކާރުން އެ މިނިސްޓްރީގެ މަސައްކަތްތައް ހަރުދަނާ ކުރުމުގެ ގޮތުން އެކި ޑިޕާޓްމަންޓުތަކުގައި ތިއްބެވި މުވައްޒަފުން ބަދަލު ކުރަމުން އަންނަ ކަމަށް އެޑިއުކޭޝަން މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ. އެއީ ވަކި ބޭފުޅަކާ ދޭތެރޭ އަޅާ ފިޔަވަޅެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ޑީޕީއީގެ މުވައްޒަފުންތަކެއް ވަނީ ޝަކީބާއި ގުޅޭ އެތައް ތުހުމަތުތަކެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް ސޯލިހާއި އޭސީސީގެ އިތުރުން އެޗްއާރްއެމްސީ އަދި ވަޒީފާއާއި ބެހޭ ޓްރެބިއުނަލަށް ހުށައަޅާފައެވެ. އޭގެތެރޭގައި އުމްނިޔާއާއި އެހެން މުވައްޒަފުންނާއި ތަފާތުކުރާ ތުހުމަތުވެސް ކޮށްފައިވެއެވެ. ޑީޕީއީގެ މުވައްޒަފުން ހުށައަޅާފައިވާ މައްސަލަތައް ބެލުމަށް ސިވިލް ސާވިސް ކޮމިޝަނަށް ވަނީ އަންގައިފައެވެ.

ޑީޕީއީގެ މުވައްޒަފުން އެދިފައި ވަނީ ކަމާ ބެހޭ ފަރާތްތަކަށް ހުށައެޅި މައްސަލަތައް ބަލައި، ވީހާ ވެސް އަވަހަކަށް ޝަކީބު މަގާމުން ދުރުކޮށްދިނުމަށް އެދިފަވެ.

މިހާރު ޑީޕީއީއާއި ވަގުތީ ގޮތުން ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނެވީ އެތަނުގެ ޑިރެކްޓަރަކަށް ހުންނެވި މުހައްމަދު އާޒިމް (އާޒިމްބެ) އެވެ.