ޑިންގީއެއް ބަންޑުން ޖަހާލައި ގެއްލުނު އުމުރުން 19 އަހަރުގެ އައިމިނަތު ޝިމާ ނާފިޒު ހޯދުމަށް ޑައިވިން ރޮބޮޓް ބޭނުންކުރަން ފަށައިފިއެވެ.

އެމްއެންޑީއެފް އިން ބުނެފައި ވަނީ ގެއްލުނު އަންހެން މީހާ ހޯދުމުގައި ޑައިވިން ރޮބޮޓް ބޭނުން ކުރަން ފަށާފައިވާ ކަމަށާއި އަދި ކޯސްޓްގާޑް ޝަހީދު އަލީ، ވެސް ހަރަކާތްތެރި ވަމުން ދާކަމަށެވެ.

އެ ހާދިސާ ހިނގާފައި ވަނީ ހުކުރު ދުވަހުގެ ރޭ 9:30 ހާއިރު ލ. ކައްދޫއިން ފުރައިގެން އެއަތޮޅު މާމެންދޫ އަށް ދަތުރުކުރަމުން ދަނިކޮށެވެ. ހާދިސާ ހިނގިއިރު ޑިންގީ ގައި ތިބީ ޝިމާގެ އިތުރުން ފިރިހެނެއް ކަމަށާއި، ޑިންގީ ބަންޑުން ޖަހާލީ ގާދޫ ކަނޑު އޮޅިއަށް ކަމަށް ފުލުހުން ބުނެއެވެ. އަދި ޑިންގީ ބަންޑުން ޖަހާލުމުން އޭގައި އިން ފިރިހެން މީހާ ފަތާފައި ގޮސް ސިކްސް ސެންސަސް ރިސޯޓަށް އެރިކަމަށް ވެސް ފުލުހުން ބުނެއެވެ.

ޝިމާ ހޯދުމަށް އެ ރަށު ލޯންޗްތަކުންނާއި ސިކްސް ސެންސަސް ރިސޯޓް އަދި ފުލުހުން މަސައްކަތް ކޮށްފައިވެއެވެ. އަދި އެމްއެންޑީއެފް ސެންޓްރަލް އޭރިއާގެ ސިފައިން ހުއްޓުމެއް ނެތި އަދިވެސް ޝިމާ ހޯދުމުގެ މަސައްކަތް ކުރަމުން އެބަދެއެވެ.