އޭވިއޭޝަން ސެކިއުރިޓީ ދާއިރާ ހަރުދަނާ ކުރުމުގެ އެއްބަސްވުމެއްގައި އެމެރިކާއާއި ރާއްޖެ ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއި ކުރެއްވީ ދިވެހިރާއްޖޭއްގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ. އެމެރިކާގެ ފަރާތުން ސޮއި ކުރެއްވީ ސެކްރެޓަރީ އޮފް ސްޓޭޓް، މައިކަލް ރިޗާޑް ޕޮމްޕެއޯއެވެ.

މި އެއްބަސްވުމުގެ ދަށުން ޓެރަރިޒަމާ ހައްދުފަހަނައަޅާ ދިއުން ހުއްޓުވުމަށް ރާއްޖެއިން ކުރަމުން ގެންދާ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރެވި ގާނޫނީ އިދާރާތަކުގެ ޤާބިލުކަން އިތުރުކުރެވިގެން ދާނެކަމަށް ފޮރިން މިނިސްޓަރު ވިދާޅުވިއެވެ.

މިިހާރު ރާއްޖޭގެ އެއާޕޯޓުގައި ވަދެނިކުމެ ހަދާ މީހުން ދެނެގަތުމަށްޓަކައި ގާއިމް ކޮށްފައިވާ ސެކިއުރިޓީ ސިސްޓަމަކީވެސް އެމެރިކާގެ އެހީއާއެކު ގާއިމް ކޮށްފައިވާ ސިސްޓަމެކެވެ. މިސިސްޓަމްގެ އެހީގައި ރާއްޖެ އަށް ވަދެ ނިކުމެ ހަދާ ފަރާތްތަކުގެ ރެކޯޑް ބެލެހެއްޓުމުގެ މަސައްކަތް މިހާރުވެސް ކުރަމުންދާކަން ފާހަގަ ކުރެވެއެވެ.

ފޮރިން މިނިސްޓަރުގެ މިދަތުރުފުޅަކީ އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް، ދެއްވި ރަސްމީ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މިދަތުރުފުޅާއި ގުޅޭ ގޮތުން ސްޓޭޓް ޑިޕާޓްމަންޓުން ނެރުނު ބަޔާނުގައި ޕޮމްޕެއޯ ވިދާޅުވެފައިވަނީ ރާއްޖެ އާއި އެމެރިކާއާއި ދެމެދު އޮތް ގާތް ގުޅުން އިތުރަށް ބަދަހި ކުރުމާއި އެކު ރާއްޖެއަށް އެހީތެރިކަން ބޭނުންވާ ދާއިރާތަކަށް އެހީތެރި ވުމަށްޓަކައި 9.75 މިލިއަން ޑޮލަރުގެ އެހީ ހޯދައި ދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

މީގެ އިތުރުން ފައިސާގެ މުއާމަލާތްތަށް ހަރުދަނާ ކަމާއެކު ބެލެހެއްޓުމަށްޓަކައި އެމެރިކާއަށް ލިބިފައި ހުރި ތަޖުރިބާ ރާއްޖެއާއި ހިއްސާ ކުރައްވާނެކަމަށްވެސް ސެކްރެޓަރީ ވަނީ ވިދާޅުވެފައެވެ.