ގައުމީ ސަލާމަތަށް ނުރައްކާވާކަމަށް ބުނެ، ޑިއުޓީގައި ތިބޭ ވަގުތުތަކުގައި އަސްކަރީ ސިފައިން މޯބައިލް ފޯނު ގެންގުޅުން މަނާކުރާ ބިލް ފާސްކުރުމަށް ރަޝިޔާގެ ގާނޫނު ހަދާ މަޖިލީހުން ވޯޓު ދީފިއެވެ.

މި ބިލް ފާސްކޮށްފައިވަނީ އަސްކަރިއްޔާގެ ބައެއް ސިފައިންގެ ސޯޝަލް މީޑިއާ އެކައުންޓްތަކަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމުގައި ބުނުމަށް ފަހުގައެވެ.

މި ބިލް ބުނާ ގޮތުގައި، ފޮޓޯ ނަގާ، ވީޑިއޯ ކުރެވޭ އަދި އިންޓަނެޓަށް ވަދެވޭ ކޮލިޓީގެ ފޯނު ބޭނުން ކުރުމަކީ އަސްކަރީ ސިފައިންނަށް މަނާ ކަމެކެވެ. މީގެ އިތުރުން އަސްކަރިއްޔާގެ ހިދުމަތާއި ގުޅޭ ވާހަކަތައް ދެއްކުމާއި، ނޫސްވެރިންނާއި އެއްވެސް ވަރަކަށް ވާހަކަދެއްކުންވެސް ވަނީ މި ބިލުގެ ދަށުން މަނާކޮށްފައެވެ. ހަމަ މިއާއެކު ޓެބްލެޓާއި ލެޕްޓޮޕް ފަދަ ޑިވައިސްތައް ބޭނުން ކުރުންވެސް އަސްކަރީ ސިފައިންނަށް ވަނީ މަނާކޮށްފައެވެ.

ރަޝިޔާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ ނުވަތަ ދޫމާގެ 450 މެމްބަރުންގެ ތެރެއިން 400 އަށްވުރެ ގިނަ މެމްބަރުން ވަނީ މި ބިލަށް ތާއީދު ކުރައްވާފައެވެ.

ރަޝިޔާގެ އަސްކަރިއްޔާގައި ހިދުމަތް ކުރަމުންދާ ބައެއް ސިފައިންގެ ސޯޝަލް މީޑިއާ އެކައުންޓްތައް މެދުވެރިކޮށް، އަސްކަރިއްޔާގެ ސިއްރު އޮޕަރޭޝަންތަކެއް ލީކުވިކަމުގެ މައްސަލަތަކެއްވެސް ވަނީ ފެންމަތިވެފައެވެ.

މި ބިލަށް ގާނޫނީ ހައިސިއްޔަތު ލިބެން އަންނަނީ ގާނޫނު ހަދާ މަޖިލީހުގެ މަތި ގެއިން ބިލު ފާސްކޮށް، ރައީސް ވްލޭޑްމިއާ ޕޫޓިން ބިލް ތަސްދީގު ކުރެއްވުމުންނެވެ.

ރަޝިޔާގެ ކަމާއި ބެހޭ ފަރާތްތަކުން ބުނީ، މި ފިޔަވަޅަކީ ރަޝިޔާގެ އަސްކަރިއްޔާގެ ސިއްރު މައުލޫމާތު، ބޭރުގެ ޖާސޫސީ އޭޖެންޓުންގެ ކިބައިން ސަލާމަތްކުރުމަށް އެޅެން އޮތް މުހިންމު ފިޔަވަޅެކެވެ.