މިސްރުގެ އިސް ޕަބްލިކް ޕްރެސެކިއުޓާ ހިޝާމް ބަރާކާތު 2015 ވަނަ އަހަރު އަވަހާރަކޮށްލި މައްސަލައާއި ގުޅިގެން ދައުވާ ލިބުނު މީހުންގެ ތެރެއިން 9 މީހެއްގެ މައްޗަށް މިސްރުން މަރުގެ ހުކުމް ތަންފީޒުކޮށްފިއެވެ.

ވެރިރަށް ގާހިރާގައި ބަރަކާތުގެ ކާރުކޮޅު ދުއްވަމުންދިޔަ ގާފިލާއަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއާއި ގުޅިގެން މިސްރުންވަނީ ޖުމުލަ 28 މީހެއްގެ މައްޗަށް ދައުވާ އުފުލާ، މަރުގެ ހުކުމް އިއްވާފައެވެ. ހުކުމްގެ ދަށުން މަރާލާފައިވާ 9 މީހުންނަކީ މީގެ ތެރޭގައި ހިމެނޭ ބައެއް ކަމަށް މައުލޫމާތު ލިބެއެވެ.

އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ އެމްނެސްޓީ އިންޓަނޭޝަނަލްއިން ބުނީ މަރުގެ ހުކުމް ތަންފީޒު ކުރެވުނު މީހުންގެ މައްޗަށް އެ ހުކުމް އިއްވާފައިވަނީ އިންސާފެއްނެތް ސަރިޔަތެއްގެ ތެރެއިން ކަމަށާއި، އެމީހުންނަށް ލާއިންސާނީ އަނިޔާ ދިން ކަމުގެ ތުހުމަތުތަކެއްވެސް ފެންމަތިވެފައިވާކަމަށެވެ. އަދި އެމީހުންގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކުރި ކުރުމަކީ، މިސްރުގެ ސަރުއީ ދާއިރާގައި އަދުލު އިންސާފު ނެތް މިންވަރު ހާމަކޮށްދޭ ކަމެއްގެ ގޮތުގައިވެސް އެމްނެސްޓީއިން ވަނީ ސިފަކޮށްފައެވެ.

މިސްރުގައި ފުރަތަމަ ފަހަރަށް އިންތިހާބުކުރި ޑިމޮކްރަޓިކް ރައީސް މުޙައްމަދު މޫރުސީގެ ވެރިކަން، އަސްކަރީ ބަޣާވާތަކުން ވައްޓާލުމާއިއެކު 2013 ވަނަ އަހަރުގެ ޖުލައި މަހުން ފެށިގެން މިސްރުގައި ހިންގަމުންދިޔަ ސިޔާސީ އެކިއެކި ހަމަނުޖެހުންތަކާއި ގުޅިގެން އެގައުމުގެ ޖިނާއީ ކޯޓުތަކުންވަނީ އެތައް ސަތޭކަ ބައެއްގެ މައްޗަށް މަރުގެ ހުކުމް އިއްވާފައެވެ.

މަރުގެ ހުކުމް އިއްވާފައިވާ ބައެއް މައްސަލަތަކުގައި އިއްވި ހުކުމް ބަދަލުކޮށްފައިވީނަމަވެސް، މިއަހަރުގެ މިހާ ހިސާބަށް އައިއިރު މިސްރުގައި 15 މީހެއްގެ މައްޗަށް މި ހުކުމް ވަނީ ތަންފީޒުކޮށްފައެވެ.

ބުދަ ދުވަހު ހުކުމް ތަންފީޒު ކުރި 9 މީހުންވެސް މަރާލާފައިވަނީ ދަންޖައްސައިގެން ކަމަށް ޚަބަރު ލިބެއެވެ.