ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގާ، މަރުވި މީހުންގެ އަދަދު 50 އަށްވުރެ މައްޗަށް އަރައިފިއެވެ.

އަލިފާނުގެ ހާދިސާ ހިނގާފައިވަނީ އާންމު ދިރިއުޅުމަށް ބޭނުން ކުރަމުން ދިޔަ އިމާރާތެއްގައި ކަމަށްވާއިރު، މި އިމާރާތުގެ ބައެއް، ކެމިކަލް ގުދަނެއްގެ ގޮތުގައިވެސް ވަނީ ބޭނުންކޮށްފައެވެ.

މި ހާދިސާ ހިނގާފައިވަނީ ޗޯވްކްބާޒާރު ސަރަހައްދުގައި ކަމަށް ޚަބަރު ލިބެއެވެ. އަލިފާނުގެ ހާދިސާ ފެށުނީ ބުދަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި ކަމަށް މައުލޫމާތު ލިބެއެވެ.

ބަންގްލަދޭޝްގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން، އަލިފާންގަނޑު ވަނީ ކައިރީގައި ހުރި އިމާރާތްތަކަށްވެސް ފެތުރިފައެވެ. ޖެހިގެން ހުރި ބައެއް އިމާރާތްތަކަކީވެސް ކެމިކަލް ގުދަންތަކެއް ކަމަށް ޚަބަރު ލިބެއެވެ.

ބަންގްލަދޭޝްގެ ފަޔާ ސާވިސް އެންޑް ސިވިލް ޑިފެންސްގެ އޮފިޝަލެއް ކަމަށްވާ ޒުލްފިކާރު ރަޙުމާން ވިދާޅުވީ 56 މީހެއްގެ ހަށިގަނޑު ފެނިފައިވާކަމަށާއި، ގެއްލިފައިވާ މީހުން ހޯދުމުގެ މަސައްކަތް ކުރިއަށްދާއިރު އަދިވެސް އިތުރު މީހުންގެ ހަށިތައް ފެނުން އެކަށީގެންވާކަމަށެވެ.

މައުލޫމާތު ލިބޭ ގޮތުގައި ބައެއް މީހުން އަދިވެސް ވަނީ އިމާރާތުގެ އެކި ހިސާބުތަކުގައި ތާށިވެފައެވެ.

އަލިފާން ނިއްވުމުގެ މަސައްކަތުގައި 200 އެއްހާ ފަޔާމަނުން ހަރަކާތްތެރިވާއިރު އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައިވާކަމަށާއި، ނަމަވެސް އަދިވެސް މުޅިން ނިއްވާ ނުލެވޭ ކަމަށް ޚަބަރު ލިބެއެވެ.

ބަންގްލަދޭޝް ފަޔާ ސާވިސްގެ އިސްވެރިޔާ ޢަލީ އަހުމަދު ވިދާޅުވީ މިހާދިސާއަކީ ގޭސް ސިލިންޑަރެއް ގޮވައިގެން ހިނގި ހާދިސާއެއް ކަމަށް ބެލެވޭ ކަމަށެވެ.