ހައްދުފަހަނައަޅާފައިވާ ހަނގުރާމަވެރި ޖަމާއަތް އައިސިސްއާ ގުޅި އެ ޖަމާއަތުގެ ޕްރޮޕަގެންޑާ ފެތުރުމަށް އެމެރިކާ ދޫކޮށް ދިޔަ އެމެރިކާގެ އަންހެން މީހާ އެނބުރި ގައުމަށް ވަނުމުގެ ފުރުސަތު ދެވެން ނެތްކަމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ޓްރަމްޕް ވަނީ އެމެރިކާ ދޫކޮށްދުޔަ ހުދާ މުތޯނާ އަނބުރާ ގައުމަށް ވަނުމުގެ ފުރުސަތު ބަންދުކުރުމަށް އެމެރިކާގެ ހާރިޖީ ވަޒީރު މައިކް ޕޮމްޕޭއޯއަށް ޓުވިޓާ މެދުވެރިކުރައްވާ އިރުޝާދު ދެއްވާފައެވެ.

މީގެ ކުރިން ޕޮމްޕޭއޯވެސް ވަނީ އުމުރުން 24 އަހަރުގެ މުތޯނާއަކީ އެމެރިކާގެ ރައްޔިތެއް ނޫންކަމަށާއި، އެމެރިކާއަށް ވަނުމުގެ ފުރުސަތު އޭނާއަށް ދެވެން ނެތްކަމަށް ވިދާޅުވެފައެވެ.

ކަންމިހެން އޮތްއިރު މުތޯނާގެ އާއިލާ މެމްބަރުންނާއި ވަކީލުން ބުނަމުން ދަނީ މުތޯނާއަކީ އެމެރިކާގެ ރަށްވެހިކަން އޮތް ޒުވާނުނެއް ކަމަށެވެ.

އެލަބާމާގައި އުޅެ ބޮޑުވި މުތޯނާ އައިސިސްއާއި ގުޅުމަށް ސޫރިޔާއަށް ދަތުރުކުރީ އޭނާގެ އުމުރުން 20 އަހަރުގައެވެ. އޭނާ އެމެރިކާ ދޫކޮށް ފުރީ، ޔުނިވާސިޓީގެ ދަތުރެއްގައި ތުރުކީވިލާތަށް ދާންޖެހޭ ކަމަށް ބުނެ އާއިލާއަށް އޮޅުވާލައިގެންނެވެ.

މިފަދަ މައްސަލައެއް އިނގިރޭސިވިލާތުގައި ވެސް ވަނީ ފެންމަތިވެފައެވެ. އެގޮތުން 2015 ވަނަ އަހަރު، އުމުރުން އެންމެ 15 އަހަރުގައި ޝަމީމާ ބޭގަމް ލަންޑަން ދޫކޮށް ސޫރިޔާއަށް ދިޔައީ އައިސިސްއާ ގުޅުމަށެވެ. ޝަމީމާ ވެސް އެނބުރި އިނގިރޭސިވިލާތަށް ދިއުމަށް އެދޭކަން ހާމަކޮށްފައިވާއިރު، ޝަމީމާއަކީ އިނގިރޭސިވިލާތުގެ ރައްޔިތެއް ނޫންކަމަށް އިނގިރޭސިވިލާތުން ވަނީ ނިންމާފައެވެ.