ސްރީލަންކާގެ ދާހިލީ ހަނގުރާމައިގެ ދުވަސްވަރު ހިންގާފައިވާ ޖަރީމާތަކަށް ޖަވާބުދާރީވުމުގެ ގޮތުން ފުރިހަމަ ކުރަން ލާޒިމުކުރާ ކަންކަމުގެ ތެރެއިން ނުކޮށް ހުރި ކަންކަން ކޮށް ނިންމުމަށްދީފައިވާ މުހުލަތު އިތުރު ކުރުމަށް އދއިން ނިންމުމަކީ، ބިރަކާއި ފިކުރެއްނެތި އެފަދަ ޖަރީމާތައް ހިންގުމަށް އެހެން ގައުމުތަކަށް ދެވޭ ހިތްވަރެއް ކަމަށް ޑިޕްލޮމެޓިކް އިއްތިހާދަކުން ބުނެފިއެވެ.

25 ޖަމިއްޔާއެއްގެ މައްޗަށް އެކުލެވޭ މި އިއްތިހާދަކީ ސްރީލަންކާގެ ދާހިލީ ހަނގުރާމައިގެ ދުވަސްވަރު ވީނުވީއެއް ނޭނގި ގެއްލިފައިވާ ތަމަޅައިންގެ އާއިލާތަކުން ހަދާފައިވާ ޓެމިލް މަދާޒް އޮފް ދަ ޑިސަޕިއާޑްގެ ނަމުގައި ހަރަކާތްތެރިވާ ޖަމިއްޔާއެއް އިސްވެ އޮވެ އެކުލަވާލާފައިވާ އިއްތިހާދެކެވެ.

ޖަވާބުދާރީވުމަށާއި ކުރަންޖެހޭ ކަންކަން ކޮށް ނިންމުމަށް ސްރީލަންކާއަށް އިތުރު ފުރުސަތެއް ނުދިނުމަށް މި އިއްތިހާދުން ގޮވާލާފައި މިވަނީ، އިންސާނީ ހައްގުތަކާއި ބެހޭ މުހިންމު ބައްދަލުވުންތަކެއް އދއިން ކުރިއަށް ގެންދާ ދަނޑިވަޅެއްގައެވެ.

އިއްތިހާދުން ބުނީ މިހާރު މަޑުކޮށްގެން ތިބޭތާ 10 އަހަރު ވެއްޖެ ކަމަށާއި، އިންސާނީ ހައްގުތަކާއި ބެހޭ އދގެ ކައުންސިލުން ކަނޑައަޅާފައިވާ މަރުހަލާތައް ފުރިހަމަ ކުރުމުން އިންސާފު ލިބޭނެ ކަމަށް ގަބޫލުކުރެވުނު ކަމަށެވެ.

ދާހިލީ ހަނގުރާމައަށް ޖަވާބުދާރީވުމުގެ ގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަ ކުރުމަށް އަދި އިތުރު ވަގުތު ބޭނުންވާކަމަށް ސްރީލަންކާގެ ކަމާބެހޭ ފަރާތްތަކުން ބުނެފައިވާއިރު، އެކަން އެގޮތަށް ކޮށްދިނުމަށް ބައިނަލްއަގުވާމީ ފެންވަރުގައި މަސައްކަތްތަކެއް ކުރަން ގަސްތުކުރާކަން އިނގިރޭސިވިލާތުންވަނީ ހާމަކޮށްފައެވެ.