ސަރަހައްދީ ފެންވަރުގައި އުފެދިފައިވާ ސިޔާސީ މައްސަލަތައް ހެޔޮ ފާލަކަށް އެޅިއްޖެނަމަ އިސްރާއީލާއެކު އިތުރަށް ގުޅުން ބަދަހިކޮށް ވަރުގަދަ ކުރުމުގެ ޝައުގުވެރިކަން އެބައޮތް ކަމަށް ޕާކިސްތާނުގެ ހާރިޖީ ވަޒީރު ޝާހް މަޙުމޫދު ގުރައިޝީ ވިދާޅުވެއްޖެއެވެ.

ޕާކިސްތާނުން މިހާތަނަށް އިސްރާއީލު ބަލައިގެންފައި ނުވާއިރު، އަދި އިސްރާއިލާ އެކު އެއްވެސް ކަހަލަ ރަސްމީ ގުޅުމެއް ގާއިމުކޮށްފައި ނުވާއިރު ޕާކިސްތާނުގެ ހާރިޖީ ވަޒީރު މިފަދަ މޭރުމަކުން ވާހަކަފުޅު ދެއްކެވުމާއެކު ގިނަ ބައެއްގެ ސަމާލުކަން ވަނީ ޕާކިސްތާނަށް ހުއްޓިފައެވެ.

ގުރައިޝީ މިފަދަ މޭރުމަކުން ވާހަކަފުޅު ދައްކަވާފައި މި ވަނީ، މިއުނިކްގައި ދާދިފަހުން ނިންމާލި ސެކިއުރިޓީ ކޮންފަރެންސްގެ ހަވާސާގައި އިސްރާއީލުގެ ޚަބަރު ފަތުރާ އިދާރާއަކަށް ދެއްވި ބަސްދީގަތުމެއްގައެވެ.

ގުރައިޝީ ވިދާޅުވީ އިސްރާއީލާއި ފަލަސްތީނުގެ މައްސަލަ ހައްލުވުމުގައި އެދެވިގެންވާކަމެއް ކަމަށާއި، މި އަމާޒު ހާސިލުކުރުމަށް އެމެރިކާއިން ގެންގުޅޭ ޕްލޭން ކާމިޔާބުވުން އަދި މާ ރަނގަޅު ކަމަށެވެ. ޕާކިސްތާނުން އެދެނީ އިސްރާއީލަށް ހެޔޮވުމަށް ކަމަށާއި، ޕާކިސްތާނުގެ ގިނަ ރައްޓެހިތަކެއް މެދުއިރުމަތީގައި ތިބޭނެ ކަމަށާއި، ޕާކިސްތާނުން ބޭނުންވަނީ އިސްރާއީލުން އެގައުމުތަކާއި އެކުވެރިކަން ބަދަހި ކުރުމަށް ކަމަށް ވެސް ޕާކިސްތާނުގެ ހާރިޖީ ވަޒީރު ވަނީ ވިދާޅުވެފައެވެ.

އިސްރާއީލާ އެކު ގުޅުން ބަދަހިކޮށްފައި ނުވާ އިސްލާމީ ގިނަ ގައުމުތަކަކުން މިހާރު އިސްރާއީލާއި ގާތަށް ޖެހެމުން ދަނީ، އިސްރާއީލުގެ ޒަމާންވީ ހަތުރު ކަމަށްވާ އީރާނުގެ ފަރާތުން ކުރިމަތިވެދާނެ ނުރައްކަލަކުން ދިފާއުވުމަށްކަމަށް ބެލެވެއެވެ.