އިގުތިސާދީ މަސްލަހަތު އެއްފަރާތް ކުރުމަށްފަހު، މަރުގެ މައްސަލާގައި އިންސާފު ހޯދާދިނުމަށް ސައުދީ އަރަބިއްޔާއަށް ފިއްތުންތައް ކުރިމަތިކޮށްދިނުމަށް، މަރާލާފައިވާ ސައުދީ އަރަބިއްޔާގެ ސިޔާސީ ނޫސްވެރިޔާ ޖަމާލް ޚަޝޯގީގެ ލޯބިވެރިޔާ ޚަދީޖާ ޖެންގީޒް ވިލާތުގެ އިއްތިހާދަށް ގޮވާލައިފިއެވެ.

ތުރުކީވިލާތުގެ އިސްތަންބޫލްގައި ހުންނަ ސައުދީ އަރަބިއްޔާގެ ކޮންސިއުލޭޓަށް ވަތްތަން، 2018 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ދެވަނަ ދުވަހު އިހާނެތި ގޮތަކަށް ޚަޝޯގީ މަރާލިއިރު އޭނާ ދިޔައީ ޚަދީޖާއާއި ކައިވެނި ކުރުމަށް އެންމެ ފަހުގެ ތައްޔާރީތައް ވަމުންނެވެ.

ބްރަސަލްސްގައި ކުރިއަށްދިޔަ ޔޫރަޕިއަން ޕާލަމެންޓްގެ ތަޅުގައި ވާހަކަދައްކަމުން ޚަދީޖާ ބުނީ، މިހާ ހިސާބަށް އައިއިރުވެސް އެ ބޮޑު ޖިނާއީ ޖަރީމާގައި ބައިވެރިފަރާތްތަކަށް އެއްވެސް ގޮތެއް ހަދާފައި ނުވާކަމަށެވެ. އިންސާނެއްގެ ހައިސިއްޔަތުން ކުރަން އޮތީ އެންމެ ސުވާލެއް ކަމަށާއި، އެއީ އަދިވެސް "ގޮތެއް ހަދަންވީ" ވަގުތު ނުޖެހެނީތޯ ކޮށްލާ ސުވާލު ކަމަށްވެސް ޚަދީޖާ ވަނީ ބުނެފައެވެ.

އިންސާނީ ހައްގުތަކާއި ބެހޭ ޔޫރަޕިއަން ޕާލަމެންޓް ސަބްކޮމިޓީގެ ބައްދަލުވުމުގެ ތަޅުގައި ޚަދީޖާ ޖެންގީޒް ވާހަކަދައްކަމުން ދިޔައީ ގަލްފު ގައުމުތަކުގައި ހިންގާ ލާއިންސާނީ ޖަރީމާތަކުގެ ޝިކާރައަކަށްވީ މީހެއްގެ ހައިސިއްޔަތުން އެކަމަށް ހެކިބަސްދެމުންނެވެ.

މިމޭރުމުން ވާހަކަ ކުރިއަށް ގެންދަމުން ޚަދީޖާ ބުނީ އޭނާ އެ ވާހަކަ ދައްކަމުން ދަނީ ޚަޝޯގީ ކައިވެނި ކުރަން ތައްޔާރުވަމުންދިޔަ މީހާގެ ހައިސިއްޔަތުން އެކަނި ނޫންކަމަށާއި، ނަމަވެސް އޭނާ ވާހަކަދައްކަމުން އެދަނީ އެކަމަކަށްޓަކައި ޚަޝޯގީގެސް "ހަނގުރާމަކުރި" އުސޫލުތަކުގެ ހައްގުގައި ކަމަށެވެ. އޭނާ ވަކާލާތު ކުރަމުން އެދަނީ ޚަޝޯގީ ގައުމަށާއި މުޅި އަރަބި ދުނިޔެއަށް ޚަޝޯގީ ހޯދާދޭން ބޭނުންވި އުސޫލުތަކުގެ ދިފާއުގައި ކަމަށްވެސް ޚަދީޖާ ވަނީ ފާހަގަކޮށްފައެވެ.

ޖަމާލް ޚަޝޯގީއަކީ ސައުދީ އަރަބިއްޔާގެ ސަރުކާރާއި ޝާހީ އާއިލާއަށް ބޮޑެތި ފާޑުކިއުންތަކެއް އަމާޒުކޮށް ހުޅަނގުގެ މީޑިއާގައި ލިޔުންތައް ޝާއިއުކުރަމުންދިޔަ ތަޖުރިބާކާރު ނޫސްވެރިއެކެވެ. ދުރާލާ ރާވައިގެން ޚަޝޯގީ މަރާލިއިރު އޭނާ މަސައްކަތް ކުރަމުންދިޔައީ ވޮޝިންގްޓަން ޕޯސްޓްގެ ކޮލަމިސްޓެއްގެ ގޮތުގައެވެ.

އުމުރުން 37 އަހަރުގެ ޚަދީޖާ ބުނީ ޚަޝޯގީ އަކީ "ނިޒާމު"ގެ ޝިކާރައެއް ކަމަށެވެ. ގަލްފުގެ ގައުމުތަކުގައި އޮތް ނިޒާމީ މައްސަލަތަކަކީ ހަމައެކަނި އެ ގައުމުތަކަށް ހާއްސަ މައްސަލަތަކެއް ނޫންކަމަށާއި، ޚަޝޯގީ ފަދަ މީހަކު އެކަމުގެ ޝިކާރައަކަށްވީއިރު، ހަމަ ކޮންމެ މީހަކަށްވެސް އެ ނުރައްކާ އެބައޮތްކަމަށެވެ.

ޚަޝޯގީގެ މަރާއި ގުޅިގެން ސައުދީއަށް ފާޑުކިއުމުގައި ވިލާތުގެ ގައުމުތަކުން އުޅެނީ އެހެން ގައުމުތަކަށްވުރެ ކުރީގައެވެ.

ޚަޝޯގީގެ މަރުގެ އޯޑަރު އައީ ސައުދީގެ ޝާހީ އާއިލާގެ އެންމެ އިސްވެރިންނާއި ހިސާބުން ކަމަށް ގިނަ ބަޔަކު ތުހުމަތު ކުރާއިރު ސައުދީގެ ސަރުކާރުން ވަނީ އެކަން ދޮގުކޮށްފައެވެ. ޚަޝޯގީގެ މަރުގެ ތަހުގީގެއް ބައިނަލްއަގުވާމީ ފެންވަރުގައި ހިންގުމަށް އދއިން މަސައްކަތް ފަށާފައިވާއިރު ސައުދީއިން އެކަމަށްވެސް އެއްބާރުލުން ދީފައެއް ނުވެއެވެ. ސައުދީގެ ބަޔަކާ ދެކޮޅަށް މައްސަލަ ބަލާނީ އެގައުމުން ކަމަށާއި، ޚަޝޯގީގެ މަރާއި ގުޅިގެން ބަޔަކު ހައްޔަރުކޮށް އޭގެ ތެރެއިން ބައެއް މީހުންގެ މައްޗަށް މަރުގެ ހުކުމް އިއްވަން މަސައްކަތްކުރާ ކަމަށް ބުނުން ފިޔަވާ އިތުރު އެއްވެސް ތަފްސީލެއް ސައުދީއިން ހާމައެއް ނުކުރެއެވެ. ޚަޝޯގީގެ މަރުގެ އަމަލު ހިންގި ޑެތްސޮކްޑްގެ މެމްބަރުން ތިބީ ހައްޔަރުކޮށްފައި ކަމަށް ސައުދީ އިން ބުނާއިރު، ޚަޝޯގީގެ ހަށިގަނޑަށް ވީ ގޮތެއް ނޭނގޭކަމަށް ވެސް ސައުދީއިން ދަނީ ބުނަމުންނެވެ.