2020 ވަނަ އަހަރު އެމެރިކާގައި އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަން ސެނެޓާ ބާނީ ސޭންޑާޒް ހާމަކުރައްވައިފިއެވެ.

މިއީ ޑިމޮކްރަޓިކް ޕާޓީގެ ނޮމިނޭޝަނެއް ހޯއްދަވަން ސެނެޓާ ސޭންޑާޒް މަސައްކަތްޕުޅު ކުރައްވާ ދެވަނަ ފަހަރެވެ. ފުރަތަމަ ފަހަރު ރިޔާސީ ކެންޑިޑަސީގެ ޓިކެޓް ލިބިވަޑައިނުގެންނެވި ނަމަވެސް، ސިޔާސީ މައިދާނުގައި 2016 ވަނަ އަހަރަށްފަހު ސެނެޓާ ސޭންޑާޒް ވަނީ ބޮޑު މަގުބޫލުކަމެއް ހޯއްދަވާފައެވެ. 2016 ވަނަ އަހަރު ޑިމޮކްރަޓުންގެ ރިޔާސީ ޓިކެޓް ކަށަވަރު ކުރެއްވީ، ކުރީގެ ހާރިޖީ ވަޒީރު ހިލަރީ ކްލިންޓަންއެވެ.

ސެނެޓާ ސޭންޑާޒްގެ ކެމްޕެއިން އޮފީހުން ބުނީ، ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން ސެނެޓާ ސޭންޑާޒް އިއުލާންކުރެއްވިތާ 3 ގަޑިއިރާއި ބައިގެ ތެރޭގައި ކެމްޕޭނަށް 1 މިލިއަން ޑޮލަރު ލިބިފައިވާކަމަށެވެ.

ސެނެޓާ ސޭންޑާޒްއަކީ އެމެރިކާގެ މިހާރުގެ ރައީސް ޑޮނާލްޑް ޓްރަމްޕަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ގެންދަވާ ސިޔާސީ ޝަހްސެކެވެ. ސެނެޓާ ސޭންޑާޒް ސިފަކުރައްވާ ގޮތުގައި ޓްރަމްޕަކީ ނަސްލީ ތަފާތުކުރުންތައް ގެންގުޅުއްވާ، ބޭފުޅެއްގެ އިތުރުން "ދޮގުވެރި" ބޭފުޅެކެވެ.

ސެނެޓާ ސޭންޑާޒްގެ ކެމްޕެއިނާއި ގުޅިގެން ޓްރަމްޕް ވިދާޅުވީ، ސެނެޓާ ސޭންޑާޒްގެ "ވަގުތު ފާއިތުވެފައި" ވާކަމަށާއި، ނަމަވެސް ހެޔޮ ގޮތް ވުމަށް އެދިވަޑައިގަންނަވާކަމަށެވެ.

އުމުރުފުޅުން 77 އަހަރުގެ ސެނެޓާ ސޭންޑާޒްއަކީ އެމެރިކާގެ ކޮންގްރެސްގެ ތާރީހުގައި އެންމެ ދިގު މުއްދަތަކަށް ހިދުމަތް ކުރައްވަމުން ގެންދަވާ މިނިވަން މެމްބަރެވެ. ނަމަވެސް ޑިމޮކްރަޓުންގެ ޓިކެޓުގައި އިންތިހާބުގައި ވާދަކުރައްވަނީ، ތާޑް ޕާޓީ ކެންޑިޑޭޓެއްގެ ގޮތުގައި ރިޔާސީ ރޭހުން ކުރި ލިބިވަޑައިނުގަންނަވާނެތީ ކަމަށްވެސް ސެނެޓާ ސޭންޑާޒް ވަނީ ވިދާޅުވެފައެވެ.