ޕާކިސްތާނާ ދެކޮޅަށް އަސްކަރީ ފިޔަވަޅު އަޅައިފިނަމަ އޭގެ ރައްދު ހަމަލާ ދޭނެ ކަމަށް ބުނެ ޕާކިސްތާނުން އިންޑިއާއަށް އިންޒާރުގެ ވަރުގަދަ މެސެޖެއް ދީފިއެވެ.

ކަޝްމީރުގެ އިންޑިއާއާއި ވީ ފަޅީގައި އޮންނަ ޕުލްވާމާއަށް އަމާޒުކޮށް، ޕާކިސްތާނުގެ ހަނގުރާމަވެރި ޖަމާއަތަކަށް ނިސްބަތްވާ މީހަކު އަމިއްލައަށް މަރުވެގެން ދިން ބޮމުގެ ހަމަލާގައި 40 އަށް ވުރެ ގިނަ ޕެރަމިލިޓްރީ ފުލުހުންގެ ފުރާނަ ގެއްލުނު ހާދިސާއާއި ގުޅިގެން އިންޑިއާއާއި ޕާކިސްތާނުގެ ގުޅުން އަނެއްކާ ވެސް މިވަނީ ވަރަށް ބޮޑަށް ހީނަރުވެފައެވެ. މި ހަމަލާއާ ގުޅިގެން، މުޅި ދުނިޔެއިން ޕާކިސްތާނު އެކަހެރިކޮށްލާނެ ކަމުގެ އިންޒާރު އިންޑިއާއިން ދީފައިވާއިރު، އިންޑިއާގެ އާއްމުން ވެސް ދަނީ ޕާކިސްތާނާ ދެކޮޅަށް އަޑުއުފުއްލަމުންނެވެ.

ޓީވީ މެދުވެރިކުރައްވާ ދެއްވި ތަގުރީރެއްގައި ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާން ވަނީ، މި ހަމަލާގައި ޕާކިސްތާނު ބައިވެރިވިކަން ސާބިތުކުރެވޭ ވަރުގަދަ ހެކި ދައްކާ ދިނުމަށް އިންޑިއާ އަށް ގޮވާލައްވާފައެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ހަމަލާއަށްފަހު ފުރަތަމަ ފަހަރަށް އެކަމާބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން އިމްރާން ވިދާޅުވީ، ސާބިތު ހިފޭ އެއްވެސް ހެއްކަކާއި ނުލާ ޕާކިސްތާނުގެ ބޮލުގައި އިލްޒާމް އެޅުވުން އިންޑިއާ އިން ހުއްޓާލަންޖެހޭ ކަމަށެވެ. އަދި އެކަމަކާ ގުޅިގެން ފިޔަވަޅު އެޅޭ ވަރުގެ ޖާސޫސީ އެއްވެސް މައުލޫމާތެއް އިންޑިއާގެ ކަމާބެހޭ ފަރާތްތަކަށް ލިބިފައިވާނަމަ އެކަމެއް ޕާކިސްތާނާ ހިއްސާކުރެއްވުމަށް ވެސް އިމްރާން ވަނީ ގޮވާލައްވާފައެވެ.

އިންޑިއާ އިން ޕާކިސްތާނަށް ހަމަލާއެއް ދީފިނަމަ ރައްދުގައި އަޅާނެ ފިޔަވަޅަކާ މެދު ވިސްނާކަށް ޕާކިސްތާނުން ނޯންނާނެ ކަމަށާއި، އޭގެ ބަދަލުގައި ޕާކިސްތާނުން ވެސް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު، އިމްރާން ވަނީ ދެއްވާފައެވެ. މި މޭރުމުން ވާހަކަފުޅު ދައްކަވަމުން ޕާކިސްތާނުގެ ބޮޑުވަޒީރު ވިދާޅުވީ، ކަޝްމީރުގެ މައްސަލައަށް އޮތް ހަމައެކަނި ހައްލު އޮތީ މަޝްވަރާކޮށްގެން ކަމަށެވެ.

ޖަވާބުގައި އިންޑިއާއިން ބުނީ، އިމްރާން އަނެއްކާ ވެސް އެ ގެންދަވަނީ "އުޒުރުތައް" ދައްކަވަމުން ކަމަށެވެ.

ޕުލްވާމާގައި ދިން ހަމަލާ ކުށްވެރިކުރައްވާފައި ނުވާއިރު، އެ ހާދިސާގައި ފުރާނަ ގެއްލިދިޔަ ޕެރަމިލިޓްރީ ފުލުހުންގެ އާއިލާތަކަށް އިމްރާން ތައުޒިޔާ ވިދާޅުވެފައިނުވާކަމަށްވެސް އިންޑިއާގެ ހާރިޖީއްޔާއިން އާންމުކުރި ބަޔާނެއްގައި ވަނީ ފާހަގަކޮށްފައެވެ. މި ހަމަލާ ދިން ކަމަށް ބުނާ ޖާއިޝީ މުޙައްމަދު ޖަމާއަތާއި އެ ޖަމާއަތުގެ އިސް ލީޑަރު މައްސޫދު އަޒްހަރަކީ ޕާކިސްތާނުގައި ގާއިމުވެގެން ތިބޭ ބައެއްކަން އެނގޭއިރު، އެކަމަކީ ޕާކިސްތާނުގެ ކަމާއި ބެހޭ ފަރާތްތަކުން ފިޔަވަޅު އަޅަންވީ ވަރުގެ ހެއްކެއް ކަމަށް ވެސް އިންޑިއާގެ ހާރިޖިއްޔާގެ ބަޔާނުގައި ވަނީ ބުނެފައެވެ.

ޕާކިސްތާނަކީ ހަނގުރާމަވެރިންނަށް ހިމާޔަތްދޭ ގައުމެއް ކަމަށް އިންޑިއާއިން ދަނީ ތަކުރާރުކޮށް ތުހުމަތު ކުރަމުންނެވެ.

ޕުލްވާމާއަށް ދިން ހަމަލާއާއި ގުޅިގެން އިންޑިއާއިން މިހާރުވެސް ވަނީ ޕާކިސްތާނާއި ދެކޮޅަށް ޑިޕްލޮމެޓިކު އަދި އިގުތިސާދީ ގޮތުން ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން އިންޑިއާއިން ޕާކިސްތާނަށް ދީފައިވާ މޯސްޓް ފޭވާޑް ނޭޝަންގެ ދަރަޖަ ބާތިލުކޮށް، ޕާކިސްތާނުން އިންޑިއާއަށް އެތެރެކުރާ މުދަލުން ނަގާ ކަސްޓަމްސް ޑިއުޓީ 200 އިންސައްތަ ވަނީ ބޮޑުކޮށްފައެވެ.