ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑާ ކުރުމުގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުންތައްް ސިއްރުކުރަން އެދިފައި ނުވާނެކަމަށް ޕްރޮސެކިއުޓާ ޖެެނެރަލް ބުނެފިއެވެ.
ފީޖީ އޮފީހުން ބުނެފައިވަނީ މއ. ކާމިނީހުޅަގުގެ، އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތުގެ އަޑުއެހުންތަކުގެ އެއްވެސް ބައެއް ސިއްރުކުރަން އެ އޮފީހުން އެދިފައި ނުވާނެކަމާއި އެ ޝަރީއަތް ކުރިއަށް ދާނީ އާންމުކޮށް ހުޅުވާލައިގެން ކަމަށެވެ.
ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވަނީ އެމްއެމްޕީއާރުސީގެ 1.3 ބިލިއަން ރުފިޔާގެ ހިޔާނާތުގެ ފައިސާއިން އިސްލާމިކް ބޭންކްގައި ހުޅުވާފައިވާ އެމަނިކުފާނުގެ އަމިއްލަފުޅު އެކައުންޓަށް ފައިސާ ލޯންޑާ ކުރައްވައިފައިވާ މައްސަލައެވެ. އޭސީސީ ރިޕޯޓުން ހާމަވާ ގޮތުގައި އެމަނިކުފާނުގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ވަނީ ޖަމާކޮށްފައެވެ. އަދި އިސްލާމިކު ބޭންކުގައި އޮތް މިއެކައުންޓް ރައީސް ޔާމީން ހުޅުއްވައިފައި ވަނީ ފައިސާ ޖަމާވުމުގެ 6 ދުވަސް ކުރިން ކަން ވެސް ރިޕޯޓުން އެނގެއެވެ.
މި މައްސަލައިގެ ފުރަތަމަ އަޑުއެހުން އިއްޔެ މެންދުރު 1:30 ގައި ބޭއްވުމަަށް ފަހު، ދައުވާގެ ޝަރީއަތް ނިމެންދެން ރައީސް ޔާމީން ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. މިގޮތަށް އަމުރުކޮށްފައި ވަނީ މައްސަލައިގެ ހެއްކަށް ނުފޫޒު ފޯރުއްވަން ރައީސް ޔާމީން އުޅުއްވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނުމުންނެވެ.
ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ އަމުރު ބާތިލް ކުރުމަށް މިއަދު އެމަނިކުފާނުގެ ގާނޫނީ ޓީމުން ވަނީ ހައި ކޯޓަށް ހުށަހަޅާފައެވެ. ނަމަވެސް މައްސަލަ ބަލައިގެންފައިވާ ކަމެއް އަދި ނޭނގެއެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަ އަކީ މިފަހުގެ ތާރިހުގައި ރާއްޖޭގައި ހިންގާފައިވާ އެންމެ ބޮޑު ކޮރަޕްޝަނުގެ މައްސަލައެވެ. މިމައްސަލައިގައި އޭސީސީން މިހާތަނަށް ހާމަ ކޮށްފައިވާ ރިޕޯޓުން އެނގޭ ގޮތުގައި 155 ފަރާތަކަށް އެމްއެމްޕީއާރުސީގެ ފައިސާ ވަނީ ދީފައެވެ. މިމައްސަލައިގެ ތަހުހީގުގެ ބައެއް ނިންމާ އޭސީސީން ވަނީ އެމްއެމްއޭގެ އިސް ބައެއް ފަރާތްތަކަށްވެސް ދައުވާ ކުރުމަށް ނިންމާފައެވެ.