އަސްކަރީ ހަނގުރާމައަކަށް ވުރެ އިގުތިސާދީ ހަނގުރާމައެއްގެ ސަބަބުން އުފުއްލަންޖެހޭ ތަކުލީފުތައް މާ ބޮޑު ކަމަށް އީރާނުގެ ރައީސް ހަސަން ރޫހާނީ ވިދާޅުވެއްޖެއެވެ.

ފާރިސީ ގަލްފުގެ ބަނދަރުމަތީ ސިޓީއެއްކަމަށްވާ ބަންދަރު އައްބާސްގައި ތަރައްގީ ކޮށްފައިވާ ޕާޝަން ގަލްފް ސްޓާ ރިފައިނަރީގެ ތިން ވަނަ ފޭސް އިފްތިތާހުކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ރޫހާނީ ވަނީ، އީރާނާއި ދެކޮޅަށް އެމެރިކާއިން ތަންފީޒު ކުރަމުންދާ ދަތިކުރުމުގެ ފިޔަވަޅުތަކަކީ އިގުތިސާދީ ހަނގުރާމައެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

އީރާނާއި ދެކޮޅަށް އެމެރިކާއިން ތަންފީޒުކުރަމުންދާ ހަރުކަށި ފިޔަވަޅުތަކާއި އެކުވެސް މި ރިފައިނަރީގެ މަސައްކަތްތައް ކުރިއަށްދާކަން ފާހަގަކުރައްވާ، ރޫހާނީ ވަނީ ތައުރީފުކުރައްވާފައެވެ.

2006 ވަނަ އަހަރު ތަރައްގީކުރަން ފެށީ މި ރިފައިނަރީއަކީ ދުވާލެއްގެ މައްޗަށް 400000 ތެޔޮ ފީފާގެ ގާބިލުކަން ލިބިފައިވާ ރިފައިނަރީއަކަށްވާއިރު، މިއީ އީރާނުން ދުވާލެއްގެ މައްޗަށް އުފައްދާ ތެލުގެ ޝިޕްމަންޓަށް ބަލާއިރު 20 އިންސައްތައެވެ.

އީރާނާއި ދެކޮޅަށް އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅުތައް ތަންފީޒު ކުރަމުންދަނީ، މި މަޝްރޫއުތަކަކީ އީރާނުން ނިއުކްލިއާ ހަތިޔާރު އުފެއްދުމުގެ މަޝްރޫއަށް ފައިސާ ހޯދުމަށް ހިންގާ މަޝްރޫއުތަކެއް ކަމަށް ތުހުމަތުކޮށެވެ. އީރާނުގެ ނިއުކްލިއާ މައްސަލައަށް ސުލްހަވެރި ހައްލެއް ހޯދުމަށް 2015 އަހަރު އެކުލަވާލި އެއްބަސްވުމުން އެމެރިކާ ވަކިވެ، އީރާނާއި ދެކޮޅަށް ހަރުކަށިފިޔަވަޅުތަކެއް އަޅާ، އީރާނާއިއެކު ވިޔަފާރި ކުރާ ގައުމުތަކާއި ދެކޮޅަށްވެސް ހަރުކަށިފިޔަވަޅުތަކެއް އަޅާނެ ކަމުގެ އިންޒާރު އެމެރިކާއިންވަނީ ދީފައެވެ. މީގެ އިތުރުން އެމެރިކާއިން ދަނީ އީރާނުގެ ލީޑާޝިޕަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށްވެސް މަސައްކަތްތަކެއް ކުރަމުން ކަމަށް އީރާނުން ތުހުމަތު ކުރެއެވެ.