އޭޝިއާގެ ބައެއް ގައުމުތަކަށް މިހާރު ދަތުރުފުޅު ކުރައްވަމުން ގެންދަވާ ސައުދީގެ ނުފޫޒުގަދަ ވަލީއަހުދު މުހައްމަދު ބިން ސަލްމާން (އެމް.ބީ.އެސް) އިންޑިއާއަށް ކުރައްވާ ދަތުރުފުޅުގެ އެޖެންޑާގެ އެންމެ ކުރީގައި އޮތީ ވިޔަފާރީގެ މަޝްވަރާތައް ކަމަށް ހަބަރު ލިބިއްޖެއެވެ.

ޕާކިސްތާނަށް ކުރެއްވި ދެދުވަހުގެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އަންގާރަ ދުވަހުން ފެށިގެން ދެދުވަހުގެ މުއްދަތަށް އިންޑިއާއަށް ކުރައްވާ ދަތުރުފުޅުގައި، ވިޔަފާރީގެ އިތުރުން ދިފާއާއި ސަލާމަތާއި ގުޅުންހުރި ކަންކަމާ ގުޅޭ ގޮތުން ވެސް މަޝްވަރާތައް ކުރިއަށް ދާނެ ކަމަށް މައުލޫމާތު ލިބެއެވެ.

އެމް.ބީ.އެސް އިންޑިއާއަށް ކުރައްވާ ދަތުރުފުޅުގައި އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރަ މޯދީއާއި ވެސް ބައްދަލު ކުރައްވާނެއެވެ. މޯދީއަކީ ސައުދީއިން ދޭ އެންމެ މަތީ ފަންނަތީގެ ސިވިލިއަން އެވޯޑެއް ކަމަށްވާ ކިންގް އަބްދުލްޢަޒީޒު ސޭޝްވެސް ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.

މޯދީއާއި އެމް.ބީ.އެސް މަޝްވަރާ ކުރައްވާ ކަންކަމުގެ ތެރޭގައި ޓެރަރިޒަމް އާއި ދެކޮޅަށް މަސައްކަތް ކުރުމާއި، އިޔާދަކުރަނިވި ހަކަތައިގެ ދާއިރާ ވެސް ހިމެނޭ ކަމާށާއި، މި މަޝްވަރާތައް ކުރިއަށް ދާނީ ބުދަ ދުވަހު ކަމަށް އިންޑިއާގެ ހާރިޖިއްޔާއިން ވަނީ ހާމަކޮށްފައެވެ.

އޭޝިއާގެ ބައެއް ގައުމުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ސައުދީގެ ވަލީއަހުދު ޗައިނާއަށް ވެސް ވަޑައިގަންނަވާނެ ކަމަށް ހަބަރު ލިބެއެވެ. ހުކުރު ދުވަހުގެ ނިޔަލަށް އެމް.ބީ.އެސް ޗައިނާއަށް ކުރައްވާ ދަތުރުފުޅުގައި މުޅި ދުނިޔޭގެ އިގުތިސާދީ ކޮންޓްރޯލް އެގައުމަށް ނެގުމަށްޓަކައި ޗައިނާއިން ހިންގާ ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވްއަށް ސައުދީއިން އިތުރު އެއްބާރުލުން ދިނުމުގެ މަޝްވަރާތައް ކުރިއަށް ދާނެ ކަމަށް ލަފާކުރެވެއެވެ.

ނިއުކްލިއާ ބާރާއި އިގުތިސާދީ ބާރުވެރިކަން ލިބިފައިވާ ބައެއް ގައުމުތަކަށް އެމް.ބީ.އެސް ދަތުފުޅު ކުރައްވަމުން ގެންދަވާ މި ދަނޑިވަޅަކީ، ސައުދީގެ ތަޖުރިބާކާރު ސިޔާސީ ނޫސްވެރިޔާ ޖަމާލް ޚަޝޯގީގެ މަރުގެ މައްސަލަ އާއި ގުޅިގެން އެކަމުގެ އިލްޒާމްތަކެއް ބައިނަލްއަގުވާމީ ފެންވަރެއްގައި އެމަނިކުފާނަށް އަމާޒުވެފައިވާ ދަނޑިވަޅެކެވެ.

ކަންމިހެން އޮތްއިރު، އެމް.ބީ.އެސްގެ ދަތުރުފުޅާއި ދިމާކޮށް އިންޑިއާގައި ވަނީ އެމަނިކުފާނާއި ދެކޮޅަށް މުޒާހަރާތަކެއް ވެސް ފަށާފައެވެ.