ބަންގްލަދޭޝް އަށް އުފަން އަވީޖީތު ރޯއީގެ މަރުގެ މައްސަލާގައި 6 މީހެއްގެ މައްޗަށް ދައުވާ ކުރުމަށް ނިންމައިފިއެވެ.

ދީން ގަބޫލުނުކުރާ ބްލޮގަރެއްގެ ގޮތުގައި އާންމުވި އަވީޖީތު ރޯއީ މަރާލާފައިވަނީ، ޑާކާ ކުރިއަށްދިޔަ ފޮތް މައުރަޒަކުން އެނބުރި ގެއަށް ދިޔަ މަގުމަތީގައި، 2015 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ ތެރޭގައެވެ. އަވީޖާތަށް ވަރުގަދަ ހަމަލާތަކެއް ދީފައިވާއިރު، މި ހާދިސާގައި އޭނާގެ އަންހެނުން ރަފީދާ އަހުމަދުވެސް ވަނީ ވަރަށް ބޮޑަށް ޒަހަމްވެފައެވެ.

ބަންގްލަދޭޝް ފުލުހުންގެ ކައުންޓާ ޓެރަރިޒަމް އެންޑް ޓްރާންސްނޭޝަނަލް ކްރައިމް ޔުނިޓްގެ އިސްވެރިޔާ މުނީރުލް އިސްލާމް ވިދާޅުވީ، މިމައްސަލާގައި ދައުވާ ލިބޭ މީހުންގެ ނަންތައް ހޯމް އެފާޒް މިނިސްޓްރީންވެސް ފާސްކޮށްފައި ވާކަމަށެވެ.

އެމެރިކާގެ ރަށްވެހިކަން ހޯދާފައިވާ އޭތީސްޓް ބްލޮގަރުގެ މައްސަލާގައި ދައުވާ ކުރާ 6 މީހުންގެ ތެރޭގައި ކުރީގެ އަސްކަރީ ޖެނެރަލެއް ކަމަށްވާ ޒިއާއުލް ހައްޤާއި، ހަނގުރާމަވެރި ބްލޮގަރެއްގެ ގޮތުގައި މަޝްހޫރުވެފައިވާ ސާފިއުއްރަޙުމާން ފަރާބީ ހިމެނެއެވެ. ދައުވާ ލިބޭ 6 މީހުންގެ ތެރެއިން 4 މީހަކު މިހާރުވެސް ތިބީ ޖަލުގައި ކަމަށްވާއިރު، ޒިއާއުލް ހައްގާއި އަކްރަމް ހުސައިން އުޅެމުންދަނީ ދައުވާއަށް ފިލައިގެން ކަމަށް ޚަބަރު ލިބެއެވެ.

ދީން ގަބޫލުނުކުރާ ބްލޮގަރުގެ މަރުގެ ޒިންމާ އައިސިސްއާއި އަލްގައިދާއިން އުފުލިނަމަވެސް، އެ ޖަމާއަތްތަކަކީ ބަންގްލަދޭޝްގައި ހަރަކާތްތެރިވާ ޖަމާއަތްތަކެއް ނޫންކަމަށާއި، ނަމަވެސް މި ހަމަލާއަކީ ބަންގްލަދޭޝްގައި ހަރަކާތްތެރިވާ ހަނގުރާމަވެރިންތަކެއް ދިން ހަމަލާއެއްކަމަށް ބަންގްލަދޭޝްގެ ސަރުކާރުންވަނީ ބުނެފައެވެ.