ނޯތް އެޓްލާންޓިކް ޓްރީޓީ އޯގަނައިޒޭޝަން (ނޭޓޯ)އަކީ ޓެރަރިޒަމްއަށް ފަންޑުކުރާ އިއްތިހާދެއް ކަމަށް ތުހުމަތު ކުރައްވާ، ތުރުކީވިލާތުގެ ރައީސް ރަޖަބު ތޮއްޔިބު އުރުދުޣާން ވާހަކަފުޅުދައްކަވައިފިއެވެ.

ތުރުކީވިލާތުގެ ހުޅަނގުދެކުނުގެ ސަރަހައްދެއްގައި ކުރިއަށްދިޔަ ކެމްޕެއިން ރެލީއެއްގައި ވާހަކަފުޅު ދައްކަވަމުން އުރުދުޣާން ވިދާޅުވީ، ނޭޓޯއިން އުފައްދާ ހަތިޔާރު ގަތުމަށް ތުރުކީވިލާތުން ފާޅުކުރަމުންދާ ޝައުގުވެރިކަމަށް ފުރަގަސް ދިނުމަށްފަހު ބޮޑެތި ގާފިލާތަކުގައި އެހަތިޔާރު ފޯރުކޮށްދެމުންދަނީ ޓެރަރިސްޓުންނަށް ކަމަށެވެ.

މިމޭރުމުން ވާހަކަފުޅު ދައްކަވަމުން އުރުދުޣާންވަނީ ނޭޓޯގެ އިއްތިހާދާއި މެދުވެސް ސުވާލު އުފައްދަވާފައެވެ.

އުރުދުޣާން ވިދާޅުވީ އިރާގު މަގުން 23000 ޓްރަކުގެ ހަތިޔާރު ޓެރަރިސްޓުންނަށް ފޯރުކޮށްދޭއިރު، ތުރުކީވިލާތުން ހަތިޔާރު ގަންނަން އެދުމުންވެސް އެ ގައުމަށް ހަތިޔާރު ފޯރުކޮށްދީފައި ނުވާކަމަށެވެ. ނަމަވެސް، އިރާގު މަގުން ޓެރަރިސްޓުންނަށް ހަތިޔާރު ސަޕްލައިކޮށްދެނީ ކޮން ގައުމުތަކަކުން ކަމެއް އުރުދުޣާން ވިދާޅެއް ނުވެއެވެ.

ތުރުކީވިލާތަކީ ސޫރިޔާއާއިއެކު 911 ކިލޯމީޓަރުގެ ސަރަހައްދީ އިމެއް ހިއްސާކުރާ ގައުމެއް ކަމަށާއި، ކޮންމެ ދަނޑިވަޅެއްގައިވެސް ތުރުކީވިލާތަށް ނުރައްކާ ކުރިމަތިވެދާނެކަންވެސް އުރުދުޣާން ވަނީ ފާހަގަކުރައްވާފައެވެ.

ސޫރިޔާގައި ހަރަކާތްތެރިވަމުންދާ އެމެރިކާގެ އަސްކަރީ ފައުޖުތައް އެ ގައުމުން ބާލާނެކަމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ކުއްލި ގޮތަކަށް ވިދާޅުވުމާއިއެކު، ސޫރިޔާގެ މަސްރަހު އަނެއްކާވެސް ވަނީ ނުރައްކާވެފައެވެ.