އެމެރިކާގެ 16 ސްޓާޓަކުން، ރައީސް ޑޮނާލްޑް ޓްރަމްޕްގެ ސަރުކާރު ގޮވައިގެން ކޯޓަށް ހިނގައްޖެއެވެ.

ކެލިފޯނިއާ އިސްވެ އޮވެ އެކުލަވާފައިވާ އިއްތިހާދުން ޓްރަމްޕްގެ ސަރުކާރާއި ދެކޮޅަށް މައްސަލަ ހުށަހަޅާފައިވަނީ، މެކްސިކޯއާއި އެމެރިކާ ހިއްސާކުރާ ސަރަހައްދީ އިމުގައި ފާރު ބިނާ ކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށްޓަކައި އެމެރިކާގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށް ޓްރަމްޕް ނިންމެވުމާ ގުޅިގެންނެވެ.

މި މައްސަލަ ހުށަހަޅާފައި ވަނީ ވެސް ކެލިފޯނިއާގެ ކޯޓަކަށެވެ.

ފާރު ބިނާ ކުރުމަށް ބޭނުންވާ ފަންޑު ހޯދުމަށް ކޮންގްރެސް މެދުވެރިނުކޮށް މަގުފަހިވާން އޮތް ހަމައެކަނި ގޮތަކީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުން ކަމަށްވެފައި، ޓްރަމްޕް މިފިޔަވަޅު އެޅުއްވުމާއެކު އިދިކޮޅު ޑިމޮކްރަޓުން ވަނީ އެ ކަމަށް ގޮންޖެހުމުގެ ގޮތުން ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެ ކަމަށް ވައުދުވެފައެވެ.

ކެލިފޯނިއާގެ އެޓާނީ ޖެނެރަލް ހާވިއޭ ބަސޭއްރާ ވިދާޅުވީ، ޓްރަމްޕް ގޮވައިގެން ކޯޓަށް ދާން ނިންމީ، އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ ރިޔާސީ ބާރުތަކުގެ ނާޖާއިޒު ފައިދާ ނެންގެވުން ހުއްޓުވާލުމުގެ ގޮތުން ކަމަށެވެ. މިކަން ކުރަނީ ރައްޔިތުން ދައްކާ ޓެކްސް ފައިސާގެ ނާޖާއިޒު ފައިދާ ނެންގެވިޔަ ނުދިނުމަށް ކަމަށާއި، ރައީސް އޮފީހަކީ ޑްރާމާ ކުޅޭ ތިއޭޓަރަކަށް ވާން ރައްޔިތުން ނޭދޭ ކަމަށެވެ.

ޓްރަމްޕްގެ ސަރުކާރާއި ދެކޮޅަށް ހުށަހެޅި ދައުވާގައި ބުނެފައިވަނީ، ސަރުއީ މަރުހަލާގައި ވަކި ގޮތެއް ނިމެންދެން ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ރައީސަށް ލިބިވަޑައިގަންނަވާ ބާރުތަކުގެ ބޭނުން ހިއްޕެވުން ވަގުތީ ގޮތުން ހުއްޓުވުމަށް އެދޭކަމަށެވެ.

ޓްރަމްޕް ކުއްލި ހާލަތު އިއުލާން ކުރެއްވީ ވެސް އެ މައްސަލައާއި ގުޅިގެން ކޯޓަށް ވަޑައިގަންނަވަން ޖެހޭނެކަން އެނގިވަޑައިގެން ހުރެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.