ދަރުމަވަންތަ ޕާޓީގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ކުރުމުގެ ހުއްދަ އަހުމަދު ޝަފީގު މޫސާ (ޑިއޯ ސައްޕެ) އަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ދީފިއެވެ.
ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ، އެމްޑީޕީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވި ސައްޕެ އާ ސިޔާސީ ޕާޓީއެއް އުފައްދަވަން އީސީއަށް ހުށަހެޅުއްވީ ރާއްޖޭގެ ސިޔާސީ މަސްރަހުގައި ރަނގަޅު ޕާޓީއެއް، ލީޑަރެއް އަދި މީހަކު ހަރަކާތްތެރި ނުވާތީ ކަމަށް ވިދާޅުވެއެވެ.
ސައްޕެ "ދަރުމަވަންތަ ޕާޓީ" ގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދައަށް އެދިވަޑައިގަތީ، އެމްޑީޕީ ވުޖޫދަށް ގެނައި މަގްސަދު ފުރިހަމަ ނުވާތީ ކަމަށް ވިދާޅުވިއެވެ. އަދި އެމްޑީޕީ އުފެއްދީ ރައްޔިތުންނަށް ހިދުމަތް ކުރަން ކަމަށާއި، ނަމަވެސް އެކަން އެމްޑީޕީން ނުފެންނަ އިރު، ރާއްޖޭގައި ސިޔާސީ ޕާޓީއެކޭ ބުނެވޭނެ ވަރުގެ ޕާޓީއެއް ނެތުމުން ކަމަށެވެ.
ސައްޕެ ވިދާޅުވީ އޭނާ ދެކެވަޑައިގަންނަވަނީ އޭނާ އަކީ ރައްޔިތުންގެ ބެލެނިވެރިއެއް ކަމަށާއި، ކުރިންވެސް މަސައްކަތް ކުރައްވާފައި ވާނީ ރައްޔިތުންގެ ފާއިދާއަށް ކަމަށެވެ. އަދި އާ ޕާޓީއެއް އުފައްދަވަން ނިންމެވީ ވެސް އެހެންވެ ކަމަށް އޭނާ ވިދާޅުވިއެވެ.
ސައްޕެ ވަނީ ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ އަދި ސައްޕެ އިސްވެ ހުންނަވައިގެން އުފެއްދެވި އެމްޑީޕީއަށް ވެސް ބަހުގެ ހަމަލާތަކެއް ރައްދު ކުރައްވާފައެވެ. ސައްޕެ ވިދާޅުވީ އަލުން ވެރިކަން ލިބުނު ހިސާބުން އެމްޑީޕީގެ އުސޫލުތަކާއި ވިސްނުން ބަދަލުވެފައިވާ ކަމަށެވެ.
"ހަރުމުދާގަނޑެއް ފަދައިން [އެމްޑީޕީ] މަގާމުތައް ވެސް ބެހީ. ހަމަ ތަނަކުން މީހަކު ގެނެސް ބުނެފާނެ ޑެޕިއުޓީ ލީޑަރޭ ވެސް. އެއްވެސް ކަހަލަ ހަމައެއް ނޯވޭ. އެކެއްގެ ފަހަތުގައި މުޅި ޕާޓީ އޮންނަނީ" ސައްޕެ ވިދާޅުވިއެވެ.
އާ ޕާޓީގެ ކުރިމަގާއި ގުޅޭގޮތުން ސައްޕެ ވިދާޅުވީ ކުރިއަށް އޮތް މަހެއްހާ ދުވަސްތެރޭގައި ޕާޓީގެ އުފެއްދެވުމުގެ މަސައްކަތް ނިންމަވާނެ ކަމަށެވެ. އަދި ޕާޓީން އަމާޒު ހިފާނީ 2023 ގައި ވެރިކަމަށް އައުމަށް ކަމަށާއި، މުއްސަނދިންގެ ނުފޫޒާއި ކޮރަޕްޝަނުން ސަލާމަތްވެ ޕާޓީއެއް ހިންގާނެ ގޮތުގެ ރީތި މިސާލު އެ ޕާޓިން ދައްކާނެ ކަމަށް ވެސް ސައްޕެ ވިދާޅުވިއެވެ.
އާ ޕާޓީ އުފެއްދުމުގެ ހުއްދަ ސައްޕެއަށް ދެއްވުމާއެކު، ތިން މަސް ތެރޭގައި 3000 މީހުންގެ ތާއިދާއެކު ޕާޓީ އުފެއްދުމުގެ ޖަލްސާ ބެއްވުމުގެ ހުއްދައަށް އެދެންޖެހޭނެއެވެ.