ކުންފުނިތަކުން ވިޔަފާރިއެއް ނުކުރި ކަމުގައި ވިޔަސް ކޮންމެ ޓެކްސް އަހަރެއްގެ ޓެކްސް ބަޔާން ހުށަހަޅަން ޖެހޭނެ ކަމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނެފިއެވެ.

މިރާއިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، ކުންފުނިތަކުން ވިޔަފާރިއެއް ނުކުރިކަމުގައި ވިޔަސް މީރާގައި ކުންފުނިތައް ރަޖިސްޓްރީ ކުރަން ޖެހުމާއި، އެއްވެސް ވިޔަފާރިއެއް ނުކުރިޔަސް ޓެކްސް ބަޔާން ހުށަހަޅަން ޖެހުމާއި، ޓެކްސް ބަޔާން ހުށަނޭޅިގެން ޖޫރިމަނާ ވުމަކީ ކުންފުނިތަކަށް ކުރިމަތުންވަމުން އަންނަ ތަކުލީފެއްކަމުގައި ފާހަގަކޮށް ޝަކުވާ ލިބެމުންދާ ކަމަށެވެ. ނަމަވެސް މި ކަންތައްތަކަކީ ގާނޫނުގައި ކަނޑައަޅާފައިވާ ކަންތައްތަކެއް ކަމުން، ކުންފުނި އުވާނުލާހާ ހިނދަކު އެކަންކަމަކީ ކޮންމެހެން ކުރަންޖެހޭކަމެއް ކަމަށްް މީރާއިން ބުނެއެވެ.

ޓެކްސް ނެގުމާ ބެހޭ ގާނޫނުގެ 21 ވަނަ މާއްދާގައިވާ ގޮތިގެ މަތިން ދިވެހިރާއްޛޭގައި ރަޖިސްޓޤރީކުރާ ކުންފުނިތަކުގެ މައުލޫމާތު ރަޖިސްޓްރާ އޮފް ކޮމްޕެނީ އިން މީރާއަށް އަންގަންޖެހެއެވެ. އަދި ހަމަ އެގާނޫނުގެ 23 ވަނަ މާއްދާގައިވާ ގޮތުން އެ ކުންފުނިތައް "ޓެކްސް ދައްކާ ފާރާތެއް" ގެ ގޮތުގައި މީރާގައި ރަޖިސްޓްރީ ކުރަން ޖެހެއެވެ. އަދި ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ގާނޫނުގެ 17 ވަނަ މާއްދާގައިވާ ގޮތުން ކުންފުނިތަކުން ވިޔަފާރި ނުކުރި ކަމުގައިވިޔަސް ކޮންމެ ޓެކްސް އަހަރެއްގައި ޓެކްސް ބަޔާން ތައްޔާރުކޮށް ހުށަހަޅަންޖެހެއެވެ. އަދި ޓެކްސް ބަޔާން ހުށަހަޅަންޖެހޭ ތާރީހުގައި ހުށަނާޅައިފިނަމަ ގާނޫނުގައިވާ ގޮތުން ޖޫރިމަނާ ވެއެވެ.

އެހެންކަމުން ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ވިޔަފާރި ނުކުރާ އަދި އުވާލުމަށް ބޭނުންވާ ކުންފުނިތައް ދިވެހިރާއްޖޭގެ ކުންފުންޏާ ބެހޭ ގާނޫނުގައި ކަނޑައެޅިފައިވާ އުސޫލުގެ މަތިން ރަސްޖިސްޓްރާ އޮފް ކޮމްޕެނީސް އަށް ހުށަހަޅައިގެން އުވާލުމުގެ ކަންތައްތައް ކުރިއަށް ގެންދިއުމަށް އެ އޮތޯރިޓީން އިލްތިމާސް ކުރެއެވެ. އަދި ރަޖިސްޓްރާ އޮފް ކޮމްޕެނީސް އިން ކުންފުނި އުވާލުމުން ޓެކްސް ދައްކާ ފާރާތްތަކުގެ ރަޖިސްޓްރީ އިން އެ ފަރާތްތައް އުނިކުރެވޭނެކަމަށްވެސް މީރާއިން ބުނެއެވެ.