ބޭންކް އޮފް މޯލްޑިވްސް ގެ ފުރަތަމަ ބިޒްނަސް ސެންޓަރު އައްޑޫ ސިޓީގެ ހިތަދޫގައި ހުޅުވައިފިއެވެ.

ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭންކުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އަމާޒުކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމްކުރުމަށް ހަމަޖެހިފައިވާ ބިޒްނަސް ސެންޓަރުތަކުގެ ތެރެއިން އައްޑޫގައި މި ހުޅުވީ މިފަދަ ފުރަތަމަ ހިދުމަތްދޭން ފެށި ސެންޓަރު ކަމަށް ބީއެމްއެލް އިން ބުނެއެވެ.

މި ބިޒްނަސް ސެންޓަރުގައި ވިޔަފާރިއާ ގުޅޭ ލަފާޔާއި އިރުޝާދު ދިނުމާއި ވިޔަފާރިތަކަށް އަމާޒުކޮށް ބޭންކުން ދޫކުރާ ލޯނާ ގުޅޭ މައުލޫމާތު ދިނުމާއި، ލޯނަށް އެދި ހުށަހެޅުމުގެ މަރުހަލާގައި އެހީތެރިކަން ލިބިގެންދާނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ. އަދި މުސްތަގްބަލުގައި މިފަދަ ސެންޓަރުތައް މާލެ، ހުޅުމާލެ އަދި ކުޅުދުއްފުށީގައި ހުޅުވިގެންދާނެ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.

އައްޑޫ ބިޒްނަސް ސެންޓާ ހުޅުވުމުގެ އިތުރުން، އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުގައި ވަނީ ފަތުރުވެރިންނަށް ބޭރު ފައިސާ މާރު ކުރުމަށްޓަކައި އެކްސްޗޭންޖް ކައުންޓަރެއް ވެސް ގާއިމްކޮށްފައެވެ.