ބައިނަލް އަގްވާމީ ގޮތުގައި ފާހަގަކުރެވޭ "ގްލޯބަލް މަނީ ވީކް" ގެ ހަރަކާތްތައް މިއަހަރު ދިވެހިރާއްޖޭގައި ވަރަށް ފުޅާ ދާއިރާއެއްގައި ކުލަގަދަކޮށް ފާހަގަކުރަން ގަސްތު ކުރައްވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަހުމަދު ނަސީރު ވިދާޅުވެއްޖެއެވެ.
ގްލޯބަލް މަނީ ވީކް 2019 މުޅި ދުނިޔޭގައި ފާހަގަ ކުރާ ހަފްތާއަކީ އަންނަ މާޗް މަހުގެ 25 އިން 31 އާ ދެމެދެވެ. ވީހާވެސް ގިނަފަރާތްތަކެއްގެ ބައިވެރިވުމާ އެކު ގްލޯބަލް މަނީ ވީކްގެ ހަރަކާތްތައް ކާމިޔާބުކަމާއެކު ސްކޫލުތަކުގަޔާއި އަދި ޒުވާނުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިއުމަށް ގެސްތުކޮށްފައިވާ ކަމަށް އެމްއެމްއޭއިން ބުނެއެވެ.
ގްލޯބަލް މަނީ ވީކް ފާހަގަ ކުރުމާއި ގުޅޭގޮތުން ގަވަރުނަރު ވިދާޅުވީ، ދިރިއުޅުމުގައި އާންމުކޮށް ބޭނުންކުރާ ބަސްބަސްކަމުގައިވާ އާމްދަނީ، ހަރަދު، ވިޔަފާރި އަދި އިގްތިސާދު ކުރުން ފަދަ ލަފްޒުތަކަކީ ކުޑަކުދިންނަށް ކުޑައިރުން ފެށިގެން އުންގައްނައިދޭން ޖެހޭ ލަފްޒުތަކެއް ކަމަށެވެ. އެއީ އެކުދިންނަކީ މުސްތަގުބަލުގައި މި ގައުމުގެ އިސްވެރިންގެ ގޮތުގައި ހަރަކާތްތެރިވާނެ ފަރާތްތަކެއް ކަމަށް ވާނެތީއާ އެކުދިންނަކީ އިސް މަގާމުތަކުގައި އަދި ދިރިއުޅުމުގެ މުހިއްމު ކަންކަމުގައި މާދަމާ އުޅެން ތިބި ފަރާތްތަކެއް ކަމަށް ވާތީ ކަމަށް ގަވަރުނަރުގެ ވާހަކައިގައި ފާހަކުރެއވިއެވެ.
އޭނާ ވިދާޅުވީ އެހެންކަމުން ދިރިއުޅުމުގެ ކަންކަމުގައި މިފަދަ ކަންތައްތަކަކީ އަމިއްލަ ތަޖުރިބާއިން ދަސްވާނެކަމެއް ކަމަށް ދޫކޮށް ނުލާ މިއަދު ކުޑަކުދިންނަށް އެންމެ ކުޑައިރުއްސުރެވެސް ފައިސާ ގެންގުޅުމާއި އިގްތިސާދު ކުރުމާއި މިފަދަ ކަންކަން އުންގަންނައިދޭން ޖެހޭ ކަމަށެވެ.
މީގެ އިތުރުން މާލީ ހިދުމަތްތަކަކީ އެންމެންނަށް ވެސް ލިބެންޖެހޭ އަސާސީ ހައްގެއް ކަމަށާއި ވީހާވެސް ގިނަ ކުޑަކުދިންނާއި ޒުވާނުން އެ ހަރަކާތުގައި ބައިވެރިވުމަށް ވެސް އަހުމަދު ނަސީރު ވަނީ ގޮވާލައްވާފައެވެ.