އަމިއްލަށް ބޭނުންތަކާއި އަމިއްލަ ނަފްސަށް ވުރެ ވެސް އިސްކުރަންވީ ގައުމިއްޔަތު ކަން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ނަސްރުގެ ދުވަހުގެ ހާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ، ދިވެހި ގައުމު އޮތް ހާ ދުވަހަކު، ދިވެހި ގައުމު މިއަދާ ހަމައަށް އައި އިރު މި ގައުމު ދިފާއުކުރަން ޝަހީދުވި އަބްތާލުންނަށް ޒިކުރާ އަދާ ކުރުން ތާއަބަދަށް އޮންނާނެ ކަމަށެވެ. ހަމައެއާއެކު ރާއްޖެއަށް ކުރިމަތިވި މިފަދަ ކޮންމެ ކަމަކުން ސަލާމަތް ކޮށް މިނިވަން ކަމާއެކު މި ގައުމު ދެމެހެއްޓުމަށް ގުރުބާންވި ހުރިހާ ފަރާތްތަކުގެ ހަނދާން ވެސް އާކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މި ހަނދާންތައް އާކުރަން ޖެހެނީ ދިވެހިންގެ ހިތްތަކުގައި މިދުވަސް އާ ކުރުމަށާއި މި ދުވަހގެ ހަނދާންތައް އަންނަން އޮތް ޖީލުތަކާ ހަމައަށް ވާސިލްކުރުވުމަށް ކަމަށް ރައީސް ވިދާޅުވިއެވެ. ދިވެހި ގައުމިއްޔަތު ދިރުވައި އާލާކުރަން ޖެހެނީ އެހެންވެގެން ކަމަށް ރައީސް ވިދާޅުވިއެވެ. މި ސަރުކާރުން ދިވެހި ގައުމިއްޔަތު ދިރުވާ އާލާކުރުމަށް ސިޔާސަތެއް ކަނޑައެޅީ އެ މަގްސަދު ހާސިލް ކުރުމަށް ކަމަށާއި އޭގެ ނަތީޖާ ފެންނަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.

"ކޮންމެ މީހަކަށް ތަމްރީނުދީގެން ހަތިޔާރެއް ނުދެވޭނެ. އެހެން ނަމަވެސް ކޮންމެ މީހެއްގެ އަތުގައި ވެސް އެންމެ ބާރުގަދަ ހަތިޔާރު އެބައޮތް. އެއީ ﷲ ސުބުހާނަހޫ ވަތައާލާ ދެއްވާފައިވާ ސިކުނޑި. ވިސްނުން. އެ މީހެއްގެ ވިސްނުން ގައުމާ އެއްކޮޅަށް ބޭނުންކުރަން އަޒުމު ކަނޑައަޅައި އެގޮތުގައި ރެއާ ދުވާލު އެމީހާގެ ވިސްނުމާއި ހިތުގެ އަޑިން ގައުމުދެކެ ލޯބިވެ، ގައުމާ އެއްކޮޅަށް ކަންކަން ކުރަން އަޒުމު ކަނޑައަޅައި މަސައްކަތް ކުރާހާ ހިނދަކު މި ގައުމާ މެދު ކަންބޮޑުވާކަށް ނުޖެހޭނެ،"
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

މީގެ އެތައް އަހަރުތަކެއް ކުރީގައި ގައުމެއްގެ މިނިވަންކަން ނަގާލުމަށް އަންނަނީ ބަޑިއާއި ކަނޑި ފަދަ ހަތިޔާރުތައް ހިފައިގެން ކަމަށާއި ނަމަވެސް މި އަދުގެ މި ޓެކްނޮލޮޖީ ޒަމާނުގައި މިފަދަ ހަތިޔާރުތައް ނުލައިވެސް ގައުމެއްގެ މިނިވަންކަން ނަގާލަން އައިސް ދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ދިވެހިންގެ ހާސިއްޔަތު ކަމަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ މިއީ އެއް ދީނަކަށް އުޅޭ، އެއްބަހަކުން ވާހަކަދައްކާ އެއްބައިވަންތަ ބައެއް ކަމަށެވެ. މި އެއްބައިވަންތަކަން ނިގުޅައިގަންނަން އަންނާނީ ކަނޑި އާއި ބަޑި ހިފައިގެން ނޫން ކަމަށެވެ. އެކަން ހަނދުމައިގައި ބަހައްޓަން ގޮވާލައްވައި ރައީސް ވިދާޅުވީ، ކޮންމެ ދިވެހި ރައްޔިތެއްގެ ފަހުރެއް އަދި ޒިންމާއެއް ކަމަށް ދެކެންވީ ގައުމިއްޔަތު ކަމާއި އިސްތިގުލާލު ހިމާޔަތް ކޮށް އަންނަން އޮތް ޖީލުތަކަށް ވާސިލް ކުރުން ކަމަށެވެ.

ކޮންމެ މީހަކަށް ތަމްރީން ދީ ހަތިޔާރު ނުދެވޭނެ ކަމަށާއި ނަމަވެސް ކޮންމެ މީހެއްގެ އަތުގައި ވެސް މާ ބޮދު ހަތިޔާރެއް އެބަ އޮތް ކަމަށް ރައީސް ވިދާޅުވިއެވެ. އެއީ ސިކުނޑި އާއި ވިސްނުން ކަމަށާއި އެމީހެއްގެ ވިސްނުން ގައުމާ އެއްކޮޅަށް ބޭނުންކުރަން ނިންމައި ހިތުގެ އަޑިން ގައުމު ދެކެ ލޯބި ވުމަކީ ކުރެވޭނެ ކަމެއް ކަމުގައި ރައީސް ވިދާޅުވިއެވެ. މިގޮތަށް ހުރިހާ ރައްޔިތުން އަމަލު ކުރާ ނަމަ ގައުމިއްޔަތާއި އިސްތިގުލާލު އޮންނާނީ ހިމާޔަތްކުރެވިފައި ކަމަށް ރައީސް ވިދާޅުވިއެވެ.

އެހެންކަމުން ކޮންމެދިވެހި ރައްޔިތެއް ވެސް އަމިއްލަ ނަފްސާއި އަމިއްލަ ބޭނުންތަކަށް ވުރެ ވެސް އިސްކުރަންވީ ގައުމިއްޔަތު ކަން ކަމަށް ރައީސް ވިދާޅުވިއެވެ. ގައުމެއް ގައުމަކަށް ވާނީ އެ ގައުމުގެ އަފްރާދުންގެ ސަބަބުން ކަމަށާއި ސަރުކާރުތަކުން ގައުމުގައި އުމްރާނީ ކަންކަން ކުރި ނަމަވެސް އަފްރާދުންގެ ވިސްނުން އޮންނަން ވާނީ ގައުމާ އެއްކޮޅަށް ކަމަށް ރއީސް ވިދާޅުވިއެވެ. އަދި އެގޮތަށް ވިސްނުން ނުގެންގުޅޭނަމަ އަތްލެވޭ ތަރައްގީގެ ބޭނުމެއް ނެތް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.