ދިވެހިރާއްޖޭގެ ތާރީހީ ރަސްކަމުގެ ބޮޑުގަނޑުވަރުގެ ބިނާތަކުގެ ތެރެއިން މިހާރު ފެންނަން ހުރި ހަމައެކަނި ބައި ކަމަށްވާ "އުސްގެކޮޅު" ގެ ފާރުތަކުގައި ގްރެފިޓީ ކުރަހައި، އެ ތަނަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާކަން ހެރިޓޭޖް މިނިސްޓްރީން ހާމަކޮށްފިއެވެ.
ހެރިޓޭޖް މިނިސްޓްރީން ބުނީ، މި އާސާރީ ބިނާއަށް ގެއްލުންދޭން ބަޔަކު މަސައްކަތްކޮށްފައިވާކަން އެ ވުޒާރާގެ ސަމާލުކަމަށް އައުމާ ގުޅިގެން، ފުލުހުންނާ ގުޅިގެން އެކަން ހިނގާދިޔަ ގޮތް ތަހުގީގު ކުރަމުންދާ ކަމަށެވެ. އަދި މި އަމަލު ހިންގި ފަރާތްތައް ހޯދައި، ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ގާނޫނު (ގާނޫނު ނަންބަރު 2019/12) ގެ ދަށުން އެ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށްވެސް އެ ވުޒާރާއިން ބުނެފައިވެއެވެ.
އުސްގެކޮޅަކީ މީލާދީން 20 ވަނަ ގަރުނުގެ ކުރީކޮޅު، އައްސުލްތާން ހާޖީ އިމާދުއްދީން (6 ވަނަ) (1893-1903) އިމާރާތްކުރެއްވި، 100 އަހަރަށްވުރެ ގިނަ ދުވަސްވީ ތާރީހީ ބިނާއެކެވެ. މިއީ މީގެ 74 އަހަރު ކުރިން ރާއްޖޭގެ އެންމެ ފުރަތަމަ ގައުމީ ދާރުލްއާސާރު ވެސް ހުޅުވުނު އިމާރާތެވެ. މި ތަނަކީ އޭރުގެ އިމާރާތްކުރުމުގެ ފަރުމާ ފެންނަން އޮތް ވަރަށް މުހިންމު ތަރިކައެއް ކަމުން، މިފަދަ ތަންތަނަށް ދޭ ގެއްލުންތަކުގެ ސަބަބުން ތަނުގެ ސަގާފީ އަގު ގެއްލި، އިއާދަނުކުރެވޭ ފަދަ ގެއްލުންތައް ލިބިދާނެ ކަމުގެ ބިރު އޮތްކަން މިނިސްޓްރީން ފާހަގަކުރެއެވެ.
މިނިސްޓްރީން އިތުރަށް ހާމަކުރި ގޮތުގައި، އުސްގެކޮޅާއި އެ ސަރަހައްދު ތަރައްގީކުރުމުގެ މަޝްރޫއަކަށްޓަކައި އެ ތަނުގެ ތަޅުދަނޑިއާއި ބެލެހެއްޓުމުގެ ޒިންމާ މިނިސްޓްރީއާ ހަވާލުކޮށްދިނުމަށް މާލޭ ސިޓީ ކައުންސިލްގައި ރަސްމީކޮށް އެދިފައިވާ ކަމަށެވެ. ނަމަވެސް، މިހާތަނަށް ކައުންސިލުން އެ ތަން މިނިސްޓްރީއާ ހަވާލުކޮށްފައި ނުވާކަން މިނިސްޓްރީން ފާހަގަކުރިއެވެ.
މި ހާދިސާއާ ގުޅިގެން، ގާނޫނާއި ގަވާއިދުގެ ތެރެއިން އުސްގެކޮޅު ރައްކާތެރިކޮށް ބެލެހެއްޓުމުގެ ހުރިހާ ކަމެއް މިނިސްޓްރީގެ ދަށަށް ބަދަލުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް މިހާރު ފަށާފައިވާ ކަމަށް ހެރިޓޭޖް މިނިސްޓްރީން ބުނެފައިވެއެވެ.
