ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ އެތެރޭގެ އިންތިހާބުގައި، އެ ޕާޓީގެ މެންބަރުންގެ މަޖިލީހުގެ (ސެނެޓް) މަގާމަށް ކެންޑިޑޭޓް ނަންބަރު 64، އާދަމް ނިފާޒް (ނިއްޓު) ކުރިމަތިލައިފިއެވެ.
އިންތިހާބުގައި ވާދަކުރާކަން ހާމަކޮށް އާދަމް ނިފާޒް ބުނީ، އިއްޔެވެސް، މިއަދުވެސް އަދި މާދަމާވެސް އޭނާ ދެމިހުންނާނީ ފަހުރުވެރި ޕީއެންސީއާއެކުގައި ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ "ދިވެހީންގެ ރާއްޖެ" ސިޔާސަތުތައް ހާސިލުކުރުމުގައި ސާބިތުކަމާއެކު މަސައްކަތްކޮށް، ޕާޓީގެ މެންބަރުންގެ މަޖިލީހަށް (ސެނެޓަށް) އިހްލާސްތެރި، ވަފާތެރި ހިދުމަތެއް ފޯރުކޮށްދިނުމަށް ނިކުތީ ސާބިތު އަޒުމެއްގައި ކަމަށްވެސް އޭނާ ބުނެއެވެ.
މީގެއިތުރުން، އަބަދުވެސް ހުންނާނީ ޕާޓީގެ އާންމު މެންބަރުންނާއެކު ކަމަށާއި، މެންބަރުންގެ ހައްގުތަކާއި އަޑު އުފުލުމުގައި ސާބިތުކަމާއެކު އަބަދުވެސް ވަކާލާތު ކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން ނިފާޒް ވަނީ ދީފައެވެ.
މި އަހަރުގެ ކޮންގްރެސް ޕާޓީގެ މަތީ މަޖިލިސް ބޭއްވުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 15 އިން 18 އަށެވެ. މި މަތީ މަޖިލީހުގެ ތެރޭގައި ޕާޓީގެ އެކި މަގާމުތަކަށް މެންބަރުން އިންތިހާބުކުރުން އޮންނާނެއެވެ.
ޕީއެންސީން އިއުލާނުކޮށްފައިވާ ގޮތުގައި މަތީ މަޖިލީހުގައި އިންތިހާބުކުރާނެ މަގާމުތަކަކީ:
- ޕާޓީގެ ނައިބު ރައީސްކަމަށް 6 މެންބަރުން
- މެންބަރުންގެ މަޖިލީހަށް 18 މެންބަރުން
- މެންބަރުންގެ މަޖިލީހަށް (އަންހެން) 10 މެންބަރުން
- މެންބަރުންގެ މަޖިލީހަށް (ޒުވާނުން) 7 މެންބަރުން
- އަންހެނުންގެ ހަރަކާތުގެ ރައީސް، ނައިބު ރައީސް، ސެކްރެޓަރީ އަދި ހަޒާންދާރު (ކޮންމެ މަގާމަކަށް 1 މެންބަރަކު)
- ޒުވާނުންގެ ހަރަކާތުގެ ރައީސް، ނައިބު ރައީސް، ސެކްރެޓަރީ އަދި ހަޒާންދާރު (ކޮންމެ މަގާމަކަށް 1 މެންބަރަކު)
މި އިންތިހާބުތައް ކުރިއަށްގެންދަނީ ކޮންގްރެސް ޕާޓީގެ އަސާސީ ގަވާއިދުގެ 21 ވަނަ މާއްދާގެ (ހ) އާއި 23 ވަނަ މާއްދާގެ (ހ) ގެ އިތުރުން، ޕާޓީގެ މަތީ މަޖިލީހުގެ ހިންގާ ގަވާއިދުގައި ބަޔާންކޮށްފައިވާ ހަމަތަކުގެ މަތިން ކަމަށް ޕީއެންސީން ބުނެފައި ވެއެވެ.
