ރާއްޖޭގެ ކަނޑުފަޅުތަކުގެ ދިރުންތައް ރައްކާތެރިކުރުމަށް ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން، އެއްވަގުތެއްގައި އެންމެ ގިނަ މީހުން ސްނޯކްލިންގް ހެދުމުގެ ދުނިޔޭގެ ރެކޯޑް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކާމިޔާބީއާއެކު ގާއިމުކޮށްފިއެވެ.

ނިވަ ކުރުނބާ މޯލްޑިވްސް ރިސޯޓުގައި ބޭއްވި މި ޝަރަފުވެރި ހަރަކާތުގައި ޖުމްލަ 314 މީހުން އަމަލީގޮތުން ބައިވެރިވެ، ރެކޯޑު ފޮތުން ޖާގަ ހޯދާފައިވެއެވެ. މީގެ ތެރޭގައި ބީއެމްއެލްގެ މުވައްޒަފުންގެ އިތުރުން، ނިވަ ކުރުނބާ މޯލްޑިވްސްގެ މެނޭޖްމަންޓާއި މުވައްޒަފުން އަދި އެ ވަގުތު ރިސޯޓުގައި ޗުއްޓީ ހޭދަކުރަމުންދިޔަ ފަތުރުވެރިން ވެސް ހިމެނެއެވެ.

ބީއެމްއެލް އިން ކުރިއަށް ގެންދިޔަ ސްނޯކްލިންގް ހަރަކާތުގެ ތެރެއިން

މި ހަރަކާތުގެ މައިގަނޑު އަމާޒަކީ ދިވެހިންގެ ދިރިއުޅުމާއި ގައުމީ އިގްތިސާދުގެ މައިނާރު ކަމުގައިވާ ކަނޑުތަކުގެ ދިރުންތައް ހިމާޔަތްކުރުމުގެ މުހިންމުކަން މުޅި ދުނިޔެއަށް ހާމަކޮށްދިނުމެވެ. އަދި ތިމާވެށި ރައްކާތެރިކުރުމުގެ ގައުމީ މަސައްކަތްތަކުގައި ވަކިވަކި ފަރުދުންނާއި މުޖުތަމައުތަކުން އިސްނަގައިގެން ބައިވެރިވުމަށް ހިތްވަރުދިނުމެވެ.

މިހަރަކާތުގައި ގިނިސް ވޯލްޑް ރެކޯޑުން ކަނޑައަޅާފައިވާ ހަރުދަނާ މިންގަނޑުތަކަށް ފެތޭތޯ ކަށަވަރުކުރުމަށްފަހު، ރަސްމީ ސެޓްފިކެޓް ބޭންކާ ވަނީ ހަވާލުކޮށްފައެވެ. މި ސެޓްފިކެޓާ ހަވާލުވެވަޑައިގަތީ ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓާ މުހައްމަދު ޝަރީފާއި، ނިވަ ކުރުނބާ މޯލްޑިވްސްގެ ޖެނެރަލް މެނޭޖާ މޯޓެން ޖޫނިއަރއެވެ.

މިއީ ތިމާވެށި ރައްކާތެރިކުރުމަށް ބޭންކުން ކުރިއަށްގެންދާ "އީއެންވީ ޕީއޯއެސް" ޕްރޮގްރާމްގެ ދަށުން ހިންގުނު ހަރަކާތެކެވެ. ބީއެމްއެލްގެ ޕީއޯއެސް މެޝިންތަކުން ކުރާ ކޮންމެ މުއާމަލާތަކުން ލިބޭ އާމްދަނީގެ ބައެއް، ތިމާވެށީގެ އެކި މަޝްރޫއުތަކަށް ހޭދަކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ނިޒާމުގެ ދަށުން ބޭންކުން ދަނީ "ޕާލޭ މޯލްޑިވްސް" އަދި "މޯލްޑިވްސް އޯޝަން ޕްލާސްޓިކްސް އެލަޔަންސް" (މޯޕާ) ފަދަ ޖަމްއިއްޔާތަކާ ގުޅިގެން، ކަނޑުތަކަށް އެޅޭ ޕްލާސްޓިކް ކުނި އެއްކޮށް، ރީސައިކަލްކުރުމަށް ރާއްޖޭން ބޭރަށް ފޮނުވުމުގެ މަސައްކަތް ކުރަމުންނެވެ. މީގެ ބޭނުމަކީ އަންނަން އޮތް ޖީލުތަކަށްޓަކައި ރާއްޖޭގެ ގުދުރަތީ ވެށި ރައްކާތެރިކަމާއެކު ފޯރުކޮށްދިނުމެވެ.

ބީއެމްއެލް އިން ކުރިއަށް ގެންދިޔަ ސްނޯކްލިންގް ހަރަކާތުގެ ބައިވެރިން

މި ތާރީހީ ކާމިޔާބީން ދައްކުވައިދެނީ ދެމެހެއްޓެނިވި ތަރައްގީއަށާއި މުޖުތަމައުގެ ހޭލުންތެރިކަން އިތުރުކުރުމަށް ބޭންކުން ބަހައްޓާ ހާއްސަ އަހައްމިއްޔަތުކަމެވެ. މިއީ ތިމާވެށީގެ ދިފާއުގައި އެންމެން އެކަތިގަނޑަކަށްވެ، ޒިންމާދާރުކަމާއެކު ފިޔަވަޅު އެޅުމަށް ލިބުނު ވަރަށް ބޮޑު ހިތްވަރެކެވެ.