އިސްލާމިކް ޑިވެލޮޕްމެންޓު ބެންކް ގްރޫޕް (އައިއެސްޑީބީ) ގެ މެންބަރެއް ކަމަށްވާ އިންޓަނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަން (އައިޓީއެފްސީ)ގެ ސީއީއޯ އަދީބް ޔޫސުފް އަލް އާމާ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއާ ބައްދަލު ކުރައްވައިފި އެވެ.

މި ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ މިއަދު ހަވީރު އައިޓީއެފްސީގެ ސީއީއޯ ރައީސް މުއިއްޒުގެ އަރިހަށް ކުރެއްވި ޒިޔާރަތުގެ ތެރެއިންއެވެ.

މި ބައްދަލުވުމުގައި އިގުތިސާދީ އެއްބާރުލުން އިތުރުކުރުމާއި، ވިޔަފާރި ކުރިއެރުވުމާއި، އުމްރާނީ ތަރައްޤީއާއި، އަދި ރާއްޖޭގެ ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމާ ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ.

އަދި ހަމަ އެހެންމެ އައިޓީއެފްސީ އާއި ދިވެހިރާއްޖެއާ ދެމެދު އޮތް ގުޅުން ފާހަގަކޮށް، އެ ގުޅުން އިތުރަށް ވަރުގަދަ ކުުމާ ގުޅޭ ގޮތުން ދެ ބޭފުޅުން ވެސް ވަނީ ވާހަކަ ދެއްކަވާފައެވެ. ބައްދަލުވުން ނިންމަވާލައްވަމުން ދެބޭފުޅުންވެސް ވަނީ، ރާއްޖެއާއި އައިޓީއެފްސީ އާ ދެމެދު އޮތް ޒަމާންވީ އަދި ގާތް ގުޅުން އިތުރަށް ބަދަހި ކުރުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

އައިޓީއެފްސީގެ ސީއީއޯ ރާއްޖެއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މުހިންމު އެއްބަސްވުމެއްގައި ރާއްޖެއާއެކު ސޮއިކުރުމަށް ހަމަޖެހިފައިވާއިރު މީގެ ކުރިން ވެސް އެ ކޯޕަރޭޝަންގެ ފަރާތުން ރާއްޖެއަށް ގިނަ އެހީތައް ފޯރުކޮށްދީފައި ވެއެވެ. އެގޮތުން 2022 ވަނަ އަހަރު އެސްޓީއޯ އާއި މިފްކޯއަށް ދިން 189 މިލިއަން ޑޮލަރުގެ އެހީ ފާހަގަކޮށްލެވެއެވެ.