ފުލުހުންގެ މުއައްސަސާއަށް ބޭނުންވާ އުމްރާނީ ތަރައްގީއާއި ވަސީލަތްތައް ފޯރުކޮށްދީ، ދާއިރާތަކުން ހާއްސަ ތަމްރީނުތައް ދީގެން ރައްޔިތުން އެދޭފަދަ އޯގާތެރި އަދި ގާބިލު ހިދުމަތެއް ދޭ ތަނަކަށް ފުލުހުންގެ މުއައްސަސާ ބަދަލުކުރެވޭނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ދިވެހި ފުލުހުންގެ ހިދުމަތް މަދަނީ ވަކި މުއައްސަސާއެއްގެ ގޮތުގައި ހިނގަމުން އަންނަތާ 22 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން މިއަދު ބޭއްވި އެކުވެރިކަމުގެ ހިނގާލުމަށްފަހު، ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައެވެ.

މިނިސްޓަރު އިހުސާން ވަނީ ރައްޔިތުންގެ ފުރާނަ އާއި މުދާ ރައްކާތެރިކުރުމުގައި ފުލުހުން 24 ގަޑިއިރު ކުރަމުންދާ ބުރަ މަސައްކަތް އަގުވަޒަންކުރައްވައި، އެ ފަރާތްތަކަށް މިނިސްޓަރު ވަނީ ޝުކުރު އަދާކުރައްވައިފައެވެ. ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ހިދުމަތް ގާއިމްވެގެން ދިޔައީ މިދައުރުގެ ތެރޭގައިކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ މި ސަރުކާރު ހަވާލުވިއިރު އަތޮޅުތަކުގެ އަމިއްލަ މަރުކަޒުގައި ހިދުމަތް ދެމުން ދިޔައީ އެންމެ 17 މަރުކަޒުގައި ކަމަށެވެ.

ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގައި ފުލުހުންގެ ހިދުމަތް ގާއިމުކުރެވިފައިވީ ނަމަވެސް، ފާއިތުވި ތަނުގައި އުމްރާނީ ތަރައްގީ ނުލިބި ހުރުމުގެ ގޮންޖެހުންތައް ހުރިކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާ އާއި ފުލުހުންގެ ލީޑާޝިޕްގެ އިސްނެންގެވުމާއެކު މިހާރު ވަސީލަތްތަކާއި އިންފްރާސްޓްރަކްޗާ ގާއިމުކުރުމުގެ ބޮޑެތި މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ އުމްރާނީ ތަރައްގީ އާއި އޮނިގަނޑަށް ގެންނަ ބަދަލުތަކުގެ އިތުރުން ހާއްސަ ތަމްރީނުތައް ދެވުމުން، ފުލުހުންގެ ފަރާތުން ރައްޔިތުންނަށް ލިބޭ ހިދުމަތް އޯގާތެރިކަމާއި ހިތްތިރިކަމާއެކު އިތުރަށް ފުރިހަމަވެގެންދާނެ ކަމަށެވެ.

މާލެއާއި އަތޮޅުތަކުގެ އެކި ރަށްރަށުގައި ކުރިއަށްދިޔަ މި ހިނގާލުމުގެ ތެރެއިން މާލެ ސަރަހައްދުގައި ބޭއްވި ހަރަކާތުގައި އެކި ރޭންކުތަކުގެ ފުލުހުންނާއި އާންމު މުވައްޒަފުން ހިމެނޭހެން 1,000 އަށްވުރެ ގިނަ މީހުން ބައިވެރިވެފައިވެއެވެ.