ފުލުހުންގެ ހިދުމަތުގެ ދުވަސް ފާހަގަކުރުމަށް ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން އެކުވެރިކަމުގެ ހާއްސަ ހިނގާލުން މާލެއާއި އަތޮޅުތަކުގެ އެކި ރަށްރަށުގައި ބާއްވައިފިއެވެ.

މި ހިގާލުންތަކުގެ ތެރެއިން މާލެ އޭރިއާގެ ފުލުހުން ބައިވެރިވި ހިނގާލުން މިއަދު ހެނދުނު 6:00 އިން ފެށިގެންނެވެ. ޖުމްހޫރީ މައިދާނުން ފެށި މި ހިނގާލުމުގައި، މިނިސްޓާ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބާ އެންޑް ޓެކްނޯލޮޖީ އަލީ އިހުސާންއާއި، ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު މުހައްމަދުއާއި، ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ފަރުހާދު ފިކުރީ ބައިވެރިވެވަޑައިގެންނެވިއެވެ.

އޭގެ އިތުރުން، އެކި ރޭންކުތަކުގެ ގިނައަދަދެއްގެ ފުލުހުންނާއި، ފުލުހުންގެ ހިދުމުގެ އާއްމު މުވައްޒަފުން ހިމެނޭ ގޮތަށް 1000 އަށްވުރެ ގިނަ މުވައްޒަފުން މި ހިނގާލުމުގައި ބައިވެރިވެފައި ވެއެވެ. ރަށްރަށުގައި ކުރިއަށް ގެންދިޔަ ހިނގާލުންތަކުގައި ވެސް އެ ރަށްރަށުގައި މަސައްކަތްކުރާ ފުލުހުންނާއި އާންމު ‏މުވައްޒަފުން ވަނީ ބައިވެރިވެފައެވެ.

ފުލުހުންގެ ބަދަހި ސަފުތައް ރަމްޒުކޮށްދިން މި ހިނގާލުމަކީ 1 ސެޕްޓެމްބަރު 2004 އިން ފެށިގެން މިއަދާ ހަމައަށް، ދިވެހި ފުލުހުންގެ ހިދުމަތް މަދަނީ ވަކި މުއައްސަސާއެއްގެ ގޮތުގައި ހިނގަމުން އަންނަތާ 22 އަހަރު ފުރުން ފާހަގަކުރުމަށް ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން ކުރިއަށް ގެންދިޔަ ހިނގާލުމެއް ކަމަށް އެ ހިދުމަތުން ވަނީ ބުނެފައެވެ.

ފުލުހުންގެ ހިދުމަތުގެ ދުވަހުގެ ހާއްސަ ހިނގާލުމުގެ ތެރެއިން

ފުލުހުންގެ ހިދުމަތުގެ ދުވަސް ފާހަގަކުރުމަށް ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން ކުޑަކުދިންނަށް ހާއްސަ ހަވީރެއް މިއަދު ހަވީރު ސޯޝަލް ސެންޓަރު ސަރަހައްދުގައި އޮންނާނެއެވެ. އަދި “ޕޮލިސް ފެމިލީ ނައިޓް” ވެސް ސޯޝަލް ސެންޓަރުގައި މިރޭ އޮންނާނެއެވެ.