ހުޅުމާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ލިބުނު އަނިޔާތަކަށް ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް، އުމުރުން އެންމެ 9 އަހަރުގެ ޒީވާ އަހްމަދު ސިނާން (ޒިޒީ) ނިޔާވުމުގެ ހިތާމައިގައި، އޭނާގެ ބައްޕަ ހުސައިން ސިނާން އަސަރުގަދަ ވާހަކަތަކެއް ހިއްސާކޮށްފިއެވެ.

ސިނާން އޭނާގެ ފޭސްބުކުގައި ހިއްސާކުރި މެސެޖުގައި ބުނެފައިވަނީ އުމުރުން އެންމެ 9 އަހަރުގެ ޒީވާއަކީ ރޯލާ ސްކޭޓްކުރުމަށް އިންތިހާއަށް ލޯބިކުރި، ތަފާތު ހިތްވަރުގަދަ ކުއްޖެއްކަމަށެވެ. ސިނާން ކިޔައިދިން ގޮތުގައި ސްކޭޓް ކުރަން އުޅުމުގެ ތެރޭގައި ޒީވާ ވެއްޓޭ އެއްވެސް ފަހަރަކު އޭނާ ނަގާކަށް ނުދެއެވެ. އެއީ ޒީވާ އަމިއްލައަށް ހިރަފުސްފޮޅާލުމަށްފަހު، "ބައްޕާ، އަހަރެން އޯކޭ. މުހިންމީ ވެއްޓޭ އަދަދެއް ނޫން، މުހިންމީ ތެދުވާ އަދަދު!" ކަމަށް ބުނެ އަމިއްލައަށް ތެދުވާތީއެވެ.

ޒީވާގެ މި ހިތްވަރާއި ސްކޭޓްކުރުމަށް އޮތް ޝައުގުވެރިކަން ފެނި، ބައްޕަ ސިނާން ވަނީ އޭނާއަށް ޚާއްޞަ ސަޕްރައިޒެއްގެ ގޮތުގައި އާ 'އެގްރެސިވް' ސްކޭޓް ބޫޓެއް ގަނެފައެވެ. ނަމަވެސް، އެ ބޫޓު ޒީވާއަށް ދައްކާލައި ސަޕްރައިޒް ދިނުމުގެ ކުރިން ހިނގި ހިތާމަވެރި އެކްސިޑެންޓާއެކު، އެ ބޫޓު ދެކެލުމުގެ ފުރުސަތުވެސް ޒީވާއަށް މިއަދު ވަނީ ގެއްލިފައެވެ.

"އަހަރެން އޭނާއަށް ސަޕްރައިޒެއްގެ ގޮތުގައި އާ ސްކޭޓް ބޫޓެއް ގަތިން. އެކަމަކު އެކްސިޑެންޓު ހިނގުމުގެ ކުރިން އެ ބޫޓު ދެކެލުމުގެ ފުރުސަތުވެސް އޭނާއަކަށް ނުލިބުނު،" އަސަރާއެކު ސިނާން ލިޔެފައިވެއެވެ.

https://www.facebook.com/story.php?story_fbid=10163368234646463&id=555936462&mibextid=wwXIfr&rdid=Wokw0laFUjKWYnXJ#

ސިނާން ސިފަކުރި ގޮތުގައި ޒީވާއަކީ އޭނާގެ އުމުރުގެ އެހެން ކުދިންނާ މުޅިން ތަފާތު އާދަޔާހިލާފު ވިސްނުމެއް ހުރި ކުއްޖެކެވެ. ދުވަހުގެ ކަންކަން ރާވާ ޑައިރީ ލިޔުމާއި، ކެރޯލް ޑުވެކްގެ 'މައިންޑްސެޓް' ފޮތް ކިޔާ، 'ގްރޯތް މައިންޑްސެޓް' އާއި 'ފިކްސްޑް މައިންޑްސެޓް' ގެ ތަފާތު ބައްޕައަށް ކިޔައިދޭން އިނގޭހާ ވިސްނުން ތޫނު ކުއްޖެއްކަމަށް ސިނާން ބުނެފައިވެއެވެ.

"ވަޒީފާގެ ބުރަ ދުވަހަކަށްފަހު ޔުނިފޯމުގައި އައިސް، އޭނާއަށް އާ ހުނަރެއް ދަސްކޮށްދޭން އިށީނުމަކީ އަހަރެންގެ ދިރިއުޅުމުގެ އެންމެ އުފާވެރި ވަގުތު،" ސިނާން ބުނެފައިވެއެވެ.

ޒީވާއަކީ ސައިންސް ފެއާތަކާއި، ސްޕެލިންގް ބީ، ޕަބްލިކް ސްޕީކިންގް އަދި އާޓް މުބާރާތްތަކުން ވަނަތައް ހޯދާ، ބައްޕަ ފަހުރުވެރިކުރަމުން އައި ދަރިއެއް ކަމުގައި ސިނާން ވަނީ ބުނެފައެވެ.

މީގެއިތުރުން ޒީވާއަކީ ޑޮކްޓަރަކަށް ވުމުގެ ފޮނި ހުވަފެން ދެކެމުން އައި، އާއިލާއާއި އެއްބަނޑުއެއްބަފާ ކުދިން ދެކެ އިންތިހާއަށް ލޯބިވި، ޗެސް ކުޅުމަށް މޮޅު ކުއްޖެެއްކަމަށް ވެސް އޭނާގެ ބައްޕަ ވަނީ ބުނެފައެވެ.

ސިނާންއާއެކު 'ސެލެކްޓް ރެސްޓޯރެންޓް' އިން ކެއުމާއި، ބައްޕަ ކައްކައިދޭ ކުކުޅު ރިހައާއި އޮމްލެޓަށް ޒީވާގެ ހިތުގައި އޮތް ލޯބީގެ ހަނދާންތައް އާކުރަމުން ސިނާން ބުނީ ލާމު އަތޮޅަށް ތައުލީމީ ދަތުރެއް ދިއުމަށް ރާވަމުން ދަނިކޮށް، ދުނިޔެއިން ވަކިވެގެން އެދިޔައީ ސިނާންގެ ދިރިއުޅުމަށް އައި އެންމެ އުފާވެރި، އެންމެ އަލިގަދަ ނޫރުކަމަށެވެ.

"މިއަދު ހިތް ކުދިކުދިވެފައިވީ ނަމަވެސް، އަހަރެން ހުރީ އިންތިހާއަށް ފަޚުރުވެރިވެގެން. ދަރިފުޅު އަހަރެންނަށް ދަސްކޮށްދިން އެއްޗެހި، އަހަރެންނަށް ދަސްކޮށްދެވުނު އެއްޗެއްސަށްވުރެ މާ ގިނަ. ދަރިފުޅަކީ އަހަރެންގެ އެންމެ މޮޅު ދަރިވަރު!" އަސަރާއެކު ސިނާން ލިޔެފައިވެއެވެ.

ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުންދަނިކޮށް އީސީޖީ މޮނީޓަރުގެ ރޮނގުތައް ސީދާވި ވަގުތު ވެސް ބައްޕަ ސިނާން ހުރީ އޭނާގެ ދަރިފުޅާ މެދު އިންތިހާއަށް ފަހުރުވެރިވެގެންކަމަށް ސިނާން ވަނީ ބުނެފައެވެ. ސިނާން ބުނި ގޮތުގައި ޒީވާ އޭނާއަށް ދަސްކޮށްދިން ފިލާވަޅުތައް، އޭނާއަށް ޒީވާއަށް ދަސްކޮށްދެވުނު އެއްޗެއްސަށްވުރެ މާ ގިނައެވެ.