މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗާ، ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓުން ހއ. ކެލާ، ހއ. މުރައިދޫ، ދ. ބަނޑިދޫ، އަދި ބ. ކިހާދޫގައި ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ.
މިއަދު ކުރިއަށް ދިޔަ ހާއްސަ ސޮއިކުރުމުގެ ރަސްމިއްޔާތުގައި، މިނިސްޓްރީގެ ފަރާތުން މިއެއްބަސްވުންތަކުގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓާ އިސްމާއީލް ހަމީދެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ، ކުންފުނީގެ ވެރިކަމާ ހަވާލުވެ ހުންނެވި، ޑީސީޕީ (ރިޓަޔާޑް) އަހްމަދު ސައުދީ އެވެ.
ހަތަރު ރަށުގައި ހިންގާ މި މަޝްރޫއުތަކުގެ ތެރެއިން އެންމެ ފުޅާ ދާއިރާއެއްގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ އެއް މަޝްރޫއަކީ ހއ. ކެލާ ބަނދަރު އަޕްގްރޭޑް ކުރުމާއި މަސްވެރިކަމުގެ ސިނާއަތަށް ބޭނުންވާ ބިން ހިއްކުމުގެ މަޝްރޫއެވެ. ގާތްގަނޑަކަށް 600 ދުވަހުގެ ތެރޭގައި ނިންމުމަށް ތާވަލުކޮށްފައިވާ މި މަޝްރޫއުގެ ދަށުން، 8.56 ހެކްޓަރުގެ ބިން ހިއްކުމާއި، ބަނދަރާއި ނެރު ފުންކުރުމުގެ އިތުރުން، އެއްގަމުތޮއްޓާއި، ހިލަ ރިވެޓްމެންޓާއި، ޖިއޯބޭގް ރިވެޓްމެންޓް ޖެހުން ހިމެނެއެވެ. މީގެ އިތުރުން 180 މީޓަރުގެ ކޮންކްރީޓް ޖެޓީއަކާއި، 25 މީޓަރުގެ ކޮންކްރީޓް ބްރިޖެއް އެޅުމާއި، މަގުބައްތި ހަރުކުރުމުގެ މަސައްކަތް ކުރިއަށްދާނެއެވެ.
ދ. ބަނޑިދޫގެ ބަނދަރު ފުންކުރުމާއި ޖެޓީ ތަރައްގީކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 210 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. މި މަޝްރޫއުގެ ދަށުން ބަނދަރުގެ ފަޅު ފުންކުރުމާ އެކު، 170 މީޓަރުގެ ދިގު ކޮންކްރީޓް ޖެޓީއެއް ގާއިމުކުރެވިގެންދާނެއެވެ.
ގޮނޑުދޮށް ގިރުމުގެ މައްސަލަ ހައްލުކުރުމަށް ހިންގާ މަޝްރޫއުތަކަށް ބަލާއިރު، ބ. ކިހާދޫގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ ބޮޑު މަޝްރޫއު 360 ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތުގެ ދަށުން ބޮޑުހިލައިގެ ރިވެޓްމެންޓާއި ބްރޭކްވޯޓާ ލުމުގެ އިތުރުން، ބޮޑު ސަރަހައްދަކަށް ވެލިއަޅައި ބެކްފިލް ކުރުމަށް ވަނީ ނިންމާފައެވެ. ހަމައެއާއެކު، ހއ. މުރައިދޫގައި ވެސް ރިވެޓްމެންޓް ޖެހުމާއި ގްރޮއިން އެޅުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
މިއަދުގެ ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާ ތަމްސީލުކުރައްވާ މެންބަރު އިބްރާހިމް ޝުޖާއު އަދި ކެލާ ދާއިރާ ތަމްސީލުކުރައްވާ މެންބަރު އަބްދުﷲ ޝަރީފް ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.
