ގަވާއިދާ ހިލާފަށް ބޭރު ފައިސާގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ނައިޑް އިންވެސްޓްމެންޓްގެ އެކައުންޓްތައް ފްރީޒްކޮށް، އޮފީސް ބަލައިފާސްކުރަން ފަށައިފިއެވެ.

ފުލުހުން ބުނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ދޫކުރާ މަނީ އެކްސްޗޭންޖް ވިޔަފާރި ހިންގުމުގެ ލައިސަންސް ނެތި، ފުޅާ ދާއިރާއެއްގައި ގާނޫނާ ހިލާފަށް ބޭރު ފައިސާ ވިއްކުމުގެ ވިޔަފާރި ހިންގާ ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ނައިޑް އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް ބޭންކު އެކައުންޓްތައް ފްރީޒްކޮށްފައިވާ ކަމަށެވެ.

މި މައްސަލައިގެ ތަހުގީގަށް ބޭނުންވާ އިތުރު ހެއްކާއި ގަރީނާ ހޯދުމުގެ ގޮތުން، މ. ދަނބުގޯޅީގައި ހުންނަ އެ ކުންފުނީގެ އޮފީސް ބަލައި ފާސްކުރުމުގެ ހާއްސަ އޮޕަރޭޝަނެއް މިހާރު ފަށާފައިވާކަމަށް އެ އިދާރާއިން ވަނީ ހާމަކޮށްފައެވެ.

މި އޮޕަރޭޝަނަކީ ގަވާއިދާ ހިލާފަށް ބޭރު ފައިސާގެ މުއާމަލާތްތައް ކުރާ ފަރާތްތަކާ ދެކޮޅަށް ފުލުހުންނާއި ކަމާބެހޭ އިދާރާތައް ގުޅިގެން ހިންގާ ސިލްސިލާ މަސައްކަތްތަކުގެ ތެރެއިން ހިންގޭ އޮޕަރޭޝަނެކެވެ.

މި މައްސަލައާ ގުޅޭ އިތުރު ތަފްސީލު ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.