ރާއްޖޭގެ ފަޅުރަށްރަށާއި ފަޅުތައް އެކިއެކި ބޭނުންތަކަށް ކުއްޔަށް ދިނުމާއި ވަރުވާއަށް ދިނުމާ ބެހޭ އައު ގާނޫނު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގު ކުރައްވައިފިއެވެ.
މި ގާނޫނު ތަސްދީގު ކުރެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، މިއީ ރާއްޖޭގެ އިގްތިސޯދު ޑައިވާސިފައި ކުރުމަށް ނުވަތަ ފުޅާކުރުމަށް އެޅިގެންދިޔަ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި މިހާތަނަށް އަމަލުކުރަމުން އައި ގާނޫނުތަކުގެ ދަށުން ސިނާއީ އެކި ބޭނުންތަކަށް ފަޅުރަށާއި ފަޅުތައް ދޫކުރެވޭނެ މަގު އޮތީ ބަންދުވެފައެވެ. ނަމަވެސް، މި އައު ގާނޫނުގެ ސަބަބުން ތަފާތު އެކި ދާއިރާތަކުން ފަޅުތަކާއި ފަޅުރަށްތަކަށް ބޮޑެތި އިންވެސްޓްމަންޓްތައް ގެނެވި، ރާއްޖެއަށް ގިނަގުނަ ފައިދާތަކެއް ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މީގެ ސަބަބުން އިގްތިސޯދީ ގޮތުން ބޮޑު ދޮރެއް ހުޅުވިގެން ގޮސްފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މި ބިލަކީ މި މަހުގެ 26 ވީ ދުވަހު ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލެކެވެ. މި ގާނޫނު ވުޖޫދުވުމާއެކު، ކުރިން އަމަލުކުރަމުން އައި ފަޅުރަށްރަށާ ބެހޭ ގާނޫނު މިހާރު ވަނީ އުވިފައެވެ.
އައު ގާނޫނުގައިވާ ގޮތުން، ފަޅުރަށްރަށާއި ފަޅުތައް އެކިއެކި ބޭނުންތަކަށް ކަނޑައަޅުއްވާނީ ރައީސުލްޖުމްހޫރިއްޔާއެވެ. އޭގެ ތެރޭގައި ފަތުރުވެރިކަމާއި، މަސްވެރިކަމާއި، ދަނޑުވެރިކަމާއި، ސިނާއީ އަދި އިގްތިސޯދީ ބޭނުންތަކުގެ އިތުރުން ދައުލަތުގެ ބޭނުންތައް ހިމެނެއެވެ. ފަތުރުވެރިކަމާއި ސިނާއީ ބޭނުންތަކަށް ކަނޑައަޅާ ރަށްތައް ފިޔަވައި، ކައުންސިލުތަކުގެ އިހުތިސާސްގައި ހިމެނޭ ރަށްރަށް ކުއްޔަށް ދިނުމާއި ވަރުވާއަށް ދިނުމުގެ ބާރު ލިބިގެންވަނީ އެ ރަށެއްގެ ކައުންސިލަށެވެ. އަދި އެކި ބޭނުންތަކަށް ފަޅުތައް ދޫކުރާނީ އެ ފަޅެއް ހަވާލުކޮށްފައިވާ ވުޒާރާއަކުންނެވެ.
ވިޔަފާރީގެ ބޭނުމަށް ފަޅުރަށްތައް ދޫކުރެވޭނީ ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ ކުންފުނިތަކާއި ވިޔަފާރިތަކުގެ އިތުރުން ރީ-ރަޖިސްޓްރީ ކޮށްފައިވާ ބޭރުގެ ފަރާތްތަކަށެވެ. އެ ނޫން ބޭނުންތަކަށް ދިވެހި ކޮންމެ ރައްޔިތަކަށް އަދި ޖަމިއްޔާތަކަށްވެސް ފަޅުރަށް ލިބިދާނެއެވެ. ފަޅުތައް ކުއްޔަށް ދޫކުރަން ހަމަޖެހިފައިވަނީ ބޮޑެތި އަދި މެދުފަންތީގެ ސިނާއީ މަސައްކަތްތަކަށާއި، އެއް މިލިއަން ރުފިޔާއަށް ވުރެ ކުޑަނޫން އިންވެސްޓްމަންޓްތަކަށެވެ.
މި ގާނޫނުގެ ދަށުން ފަޅުރަށެއް ކުއްޔަށް ދެވޭނީ 21 އަހަރުގެ މުއްދަތަށެވެ. އަދި މުއްދަތު އިތުރުކުރާ ހާލަތުގައި ގިނަވެގެން 50 އަހަރާ ހަމައަށް މުއްދަތު ދެވިދާނެއެވެ. ވަކި ބޭނުމަކަށް ކަނޑައަޅާފައި ނުވާ ރަށްތައް ވަރުވާއަށް ދޫކުރެވޭނީ ގިނަވެގެން 5 އަހަރުގެ މުއްދަތަކަށެވެ.
ގާނޫނާ ހިލާފުވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމުގެ ގޮތުން، ވަރުވާއަށް ދޫކުރާ ރަށެއްގައި ގާނޫނާ ހިލާފު ކަމެއް ކޮށްފިނަމަ 500،000 ރުފިޔާއާ ހަމައަށް އަދި ކުއްޔަށް ދޫކުރާ ފަޅުތަކާއި ރަށްތަކުގައި ގާނޫނާ ހިލާފު އަމަލެއް ހިންގައިފިނަމަ 1،000،000 ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭނެއެވެ.
މި އައު ގާނޫނަށް އަމަލުކުރަން ފެށި ނަމަވެސް، ކުރީގެ ގާނޫނުގެ ދަށުން ވެފައިވާ އެއްބަސްވުންތައް ސައްހަވާނެ ކަމަށާއި، ނަމަވެސް ކުއްޔާއި ވަރުވާ ދެއްކުމުގެ އުސޫލު ފިޔަވައި އެހެން ހުރިހާ އައު މާއްދާތަކެއް އެ އެއްބަސްވުންތަކަށް ހިނގާނެ ކަމަށްވެސް ގާނޫނުގައި ބަޔާންކޮށްފައިވެއެވެ.
