ނޭޕާލާއި ޓިބެޓް ގުޅޭ ބޯޑަރު ސަރަހައްދުގައި ދާދި ފަހުން ހިނގި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާއަކާ ގުޅިގެން އުފެދިފައިވާ ބޮޑު ފެންގަނޑެއް ފަޅައިގެންގޮސް، ދެވަނަ ފަހަރަށް އެ ސަރަހައްދުގައި ފެންބޮޑުވުމުގެ ނުރައްކާ ބޮޑުކަމަށް ޗައިނާއިން އިންޒާރުދީފިއެވެ.

މި އިންޒާރު ދީފައިވަނީ، ފަރުބަދަމަތީ ގްލޭޝިއާއެއް ކޯރެއްގެ ތެރެއަށް ވެއްޓުމުގެ ސަބަބުން ކަމަށް ސައިންސްވެރިން ބުނާ، ބުދަ ދުވަހު ހިނގި ނުރައްކާތެރި ފެންބޮޑުވުމުގެ ހާދިސާއަށް ފަހުގައެވެ. ޗައިނާގެ ސްޓޭޓް ބްރޯޑްކާސްޓަރު ސީސީޓީވީން ރިޕޯޓުކޮށްފައިވާ ގޮތުގައި، ހުކުރު ދުވަހާ ހަމައަށް އެ ފެންގަނޑުގައި 2.5 މިލިއަން ކިއުބިކް މީޓަރުގެ ފެން ވަނީ ޖަމާވެފައެވެ. މިއީ ކޯރެއްގެ ތެރެއަށް ކުނިބުނި އެޅި ބެދުމުގެ ސަބަބުން އުފެދިފައިވާ ފެންގަނޑެކެވެ.

ޗައިނާގެ އޮފިޝަލުންނާ ހަވާލާދީ މީޑިއާތަކުން ބުނާ ގޮތުގައި، ބުރާސްފަތި ދުވަހުން ފެށިގެން މި ހަފުތާބަންދާ ހަމައަށް އިތުރު ތިން މިލިއަން ކިއުބިކް މީޓަރުގެ ފެން އެ ފެންގަނޑަށް އެޅޭނެ ކަމަށް ލަފާކުރެވެއެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި އެ ސަރަހައްދަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ވެސް ޗައިނާގެ ދައުލަތުގެ މީޑިއާއިން ވަނީ ރިޕޯޓުކޮށްފައެވެ.

ޗޯޗެން ހޯލާ އަދި ޕުރެޕޫ ޓްސަންގްޕޯ ކޯރު ގުޅޭ ހިސާބުގައި އުފެދިފައިވާ މި ފެންގަނޑު ބުރާސްފަތި ދުވަހު ފުރިގެން ބަންޑުންވާން ފަށާފައިވާ ކަމަށް ޗައިނާގެ މިނިސްޓްރީ އޮފް ވޯޓާ ރިސޯސަސްއިން ބުނެފައިވެއެވެ. މީގެ ސަބަބުން، ނޭޕާލާއި ޗައިނާ ގުޅުވައިދޭ މައި އެއްގަމު ބޯޑަރު ކަމަށްވާ ގިޔަރޮންގް ޕޯޓާ ހަތް ކިލޯމީޓަރު ދުރުގައި އޮންނަ އަވަށަކާ ހަމައިން ޗައިނާގެ މީހުން ސަލާމަތްކުރާ ޓީމުތަކުގެ މަސައްކަތްތައް އޮތީ ހުއްޓާލާފައެވެ.

ސީސީޓީވީގެ ރިޕޯޓުގައިވާ ގޮތުން، މީހުން ސަލާމަތްކުރުމުގެ މަސައްކަތް ވަގުތީ ގޮތުން ހުއްޓާލަން ޖެހުނީ ފެންގަނޑު މެދުކެނޑުމެއް ނެތި ބަންޑުންވަމުން ދިއުމުގެ ސަބަބުން އާ ފެންބޮޑުވުމެއް ނުވަތަ ކުނިބުނިތައް ފައިބައިގެން އަތުވެދާނެކަމުގެ ބިރު އޮތުމުންނެވެ. ނަމަވެސް ހުކުރު ދުވަހުގެ މެންދުރުފަހާ ހަމައަށް، ފެންގަނޑުގެ ނުރައްކާ ކޮންޓްރޯލްކުރެވި، މީހުން ސަލާމަތްކުރުމުގެ މަސައްކަތް އަލުން ފަށާފައިވާ ކަމަށް ޗައިނާގެ ދައުލަތުގެ މީޑިއާއިން ވަނީ ރިޕޯޓުކޮށްފައެވެ.

މިހާރު ކަމާބެހޭ ފަރާތްތަކުން ވަނީ ފެންގަނޑުގެ ލެވެލްއާއި މޫސުމީ ހާލަތު މޮނިޓާކުރުމަށް އިންޖިނިއަރިން ޓީމުތައް އެ ސަރަހައްދަށް ފޮނުވާފައެވެ. އަދި ބޭނުންވާ ސާމާނު ފޯރުކޮށްދިނުމަށް ޑްރޯންތައް ދަނީ ބޭނުންކުރަމުންނެވެ.

މި ފެންގަނޑު އުފެދިފައިވަނީ، ގްލޭޝިއާ ކަނޑައިގެން އައި ކަމަށް ބެލެވޭ ލަންގްޓަންގް ލިރުންގް ފަރުބަދައާ ކައިރީގައެވެ. މިއާ ގުޅިގެން ނޭޕާލްގެ ކަމާބެހޭ ފަރާތްތަކުން ވަނީ، ބޯޓޭ ކޯޝީ އަދި ޓްރިޝޫލީ ކޯރުގެ ސަރަހައްދުތައް ބެދި، އިތުރަށް ފެންބޮޑުވުމުގެ ނުރައްކާ އޮތްކަމުގެ އިންޒާރު ދީފައެވެ. އަދި ވަކި ގޮތެއް އަންގަންދެން ކޯރުތަކާ ދުރުގައި ތިބުމަށް އާންމުންނަށް ވަނީ އަންގާފައެވެ.

ސައިންސްވެރިން ބުނާ ގޮތުގައި ބުދަ ދުވަހުގެ ފެންބޮޑުވުން ކުރިމަތިވީ ލަންގްޓަންގް ލިރުންގް ކައިރީގައިވާ ގްލޭޝިއާއެއްގެ ބައެއް ތިރީގައި އޮތް ކޯރަށް ވެއްޓުމުގެ ސަބަބުންނެވެ. މި ހާދިސާގައި ނޭޕާލުން އެތައް ސަތޭކަ ބަޔަކު މަރުވެފައިވާއިރު، އަދިވެސް އެތައް ސަތޭކަ ބަޔަކު ވަނީ ގެއްލިފައެވެ. ބޯޑަރުގެ ޓިބެޓް ފަޅިން އެކަނިވެސް 550 އަށް ވުރެ ގިނަ މީހުން ގެއްލިފައިވާއިރު، އޭގެ ތެރެއިން ދެބައިކުޅަ އެއްބަޔާ ގާތްކުރާ އަދަދަކީ ބިދޭސީންނެވެ.