ފުލުހުންގެ މުއައްސަސާއިން ހަވާލުކުރާ ކޮންމެ ރޭންކަކާ އެކު އޮތީ އެއަށްވުރެ ބޮޑު މަސްއޫލިއްޔަތަކާއި ޒިންމާއެއް ކަމަށާއި، ލިބުނު މަގާމުގެ ކުރިއެރުމާ އެއްވަރަށް މަސައްކަތުގެ ފެންވަރާއި، އަހުލާގާއި، ސުލޫކުން މުޅި މުއައްސަސާއަށާއި ރައްޔިތުންނަށް ނަމޫނާ ދައްކަންޖެހޭނެ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް އަހްމަދު މުހައްމަދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މާލެ އޭރިއާގައި މަސައްކަތްކުރާ ފުލުހުންގެ ތެރެއިން 166 އޮފިސަރަކަށް މަގާމުގެ ކުރިއެރުން ދިނުމަށް މިއަދު އިސްކަންދަރު ބިލްޑިންގުގައި ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ފަރުހާދު ފިކުރީއާއި ފުލުހުންގެ ސީނިއާ އޮފިސަރުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނާ ވިދާޅުވީ، ރޭންކެއް ބަދަލުވެގެން ދިއުމަކީ އިއްޔެ ކުރި މަސައްކަތަށްވުރެ ބޮޑަށް ފަރުވާތެރިވެ، އިތުރު ހަރުފަތެއްގެ ޒިންމާ އުފުލަންޖެހޭ ކަމެއް ކަމަށެވެ. އަދި ޕްރޮމޯޝަނަށް ފަހު މަސައްކަތުގެ މާހައުލަށް ނުކުންނައިރު، ހަވާލުކުރެވުނު ރޭންކާ އެއްވަރަށް ހިދުމަތުގެ ފެންވަރު ހިފެހެއްޓޭތޯ ބަލާނެ ފަރާތްތައް ގިނަވާނެކަން ފާހަގަކުރައްވައި، މުއައްސަސާގެ އެތެރެއިންނާއި ބޭރުން ވެސް ސުވާލު ނުއުފެދޭނެ ފަދަ ގޮތަކަށް، މަސައްކަތުގެ ނަތީޖާ ނެރެދީ، ދަށުން މަސައްކަތްކުރާ މުވައްޒަފުންނަށް ރިވެތި ނަމޫނާއެއް ދެއްކުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.
ފުލުހުންގެ އަހުލާގީ މިންގަނޑުތަކަށް އަލިއަޅުއްވާލައްވަމުން ސީޕީ ވިދާޅުވީ، އަހުލާގަކީ އިހުތިޔާރީ ކަމެއް ނޫން ކަމަށާއި، އެއީ ގާނޫނު ތަންފީޒްކުރާ އެންމެ އިސް މުއައްސަސާގެ ކޮންމެ މުވައްޒަފެއްގެ ކިބައިގައި ކޮންމެހެން ހުންނަންޖެހޭ އަސާސީ ސިފައެއް ކަމަށެވެ. އެގޮތުން ފުލުހުންގެ ކިބައިން އެންމެ ފުރަތަމަ ފެންނަންޖެހޭނީ އަހުލާގު ކަމަށާއި، އަހުލާގެއް ނެތް ނަމަ ރައްޔިތުންނަށް ކޮށްދެވޭނެ އެއްވެސް ކަމެއް ނޯންނާނެ ކަމަށް ވިދާޅުވިއެވެ. އަދި ގާނޫނު ތަންފީޒުކުރަން ހުންނަ މީހެއްގެ ކިބައިގައި އެ ސިފަ ނެތް ނަމަ، އެހެން މީހަކު ކައިރީގައި ކަމެއް ރަނގަޅުކުރަން ބުނުމުގެ އެއްވެސް ހައިސިއްޔަތެއް ނޯންނާނެ ކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، ފުލުހެއްގެ ގޮތުގައި ހުވާކޮށްގެން ހުރެ ރިވެތި އަހުލާގު ހިފެހެއްޓުމުގައި ދެމިނުހުރެވޭނެ ކަމަށް އިހުސާސްވާނަމަ، މުއައްސަސާއަށް ހުތުރު ނަމެއް ލިބޭނެ ފަދަ ކަންކަމަށް އަރައިގަތުމުގެ ބަދަލުގައި، އަމިއްލައަށް ވަކިވެގެން ދިއުމަކީ އެ ފުލުހަކަށާއި މުއައްސަސާއަށް ވެސް އެންމެ ފައިދާހުރި ގޮތް ކަމަށް ވިދާޅުވެ ކޮމިޝަނާ ވަނީ ސީދާ މެސެޖެއް ދެއްވާފައެވެ.
ޔުނިފޯމު އެޅުމުގެ މިންގަނޑުތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން ކޮމިޝަނާ ފާހަގަކުރެއްވީ، ޔުނިފޯމަކީ ހަމައެކަނި ހާއްސަ ޖަލްސާތަކަށް ޒީނަތްތެރިކޮށް އަޅަން އޮންނަ އެއްޗެއް ނޫން ކަމަށާއި، ރައްޔިތުންނާ ބައްދަލުވާ ކޮންމެ ދުވަހެއްގެ ޑިއުޓީގައި ވެސް ކަނޑައެޅިފައިވާ ގަވާއިދުތަކާ އެއްގޮތަށް ފުރިހަމައަށް ޔުނިފޯމު އެޅުމަށް އިސްކަންދޭންޖެހޭ ކަމަށެވެ. އަދި ދިވެހި ފުލުހުންގެ ހިދުމަތަކީ ރައްޔިތުންނަށްޓަކައި އަދާކުރެވޭ ގާނޫނީ ވާޖިބެއްކަމުން، ރައްޔިތުންގެ ފަރާތުން އަންނަ ޝަކުވާތަކާއި ފާޑުކިޔުންތަކަކީ ހިދުމަތް އިތުރަށް ރަނގަޅުކުރުމަށް ލިބޭ ފުރުސަތެއްގެ ގޮތުގައި ދެކިގެން މަސައްކަތްކުރުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.
މުވައްޒަފުންނަށް ހައްގުވާ މަގާމުގެ ކުރިއެރުމާއި، ކުލައާއި މެޑަލް ފަދަ ޝަރަފުތައް ދިނުމުގައި ލީޑަރޝިޕުން ހާއްސަ އިސްކަމެއް ދީގެން މަސައްކަތްކުރަމުންދާ ކަމަށާއި، ޝަރުތު ހަމަވާ އެއްވެސް މުވައްޒަފެއްގެ ހައްގެއް ނުހިފަހައްޓައި ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ވެސް ސީޕީ ދެއްވިއެވެ.
ދިވެހި ފުލުހުންގެ ހިދުމަތުގެ ޖުމްލަ 331 އޮފިސަރަކަށް މަގާމުގެ ކުރިއެރުން ދިނުމަށް ނިންމާފައިވާއިރު، މިއަދުގެ ރަސްމިއްޔާތުގައި މާލެ އޭރިއާއިން ކުރިއެރުން ލިބުނު 166 ފުލުހުންގެ ތެރޭގައި ހިމެނެނީ ސީނިއާ ސާޖަންޓް ރޭންކުން ސަބް އިންސްޕެކްޓާ ރޭންކަށް ކުރިއެރުން ލިބުނު 35 ފުލުހުންނާއި، ސާޖަންޓް ރޭންކުން ސީނިއާ ސާޖަންޓް ރޭންކަށް ކުރިއެރުން ލިބުނު 121 ފުލުހުންގެ އިތުރުން ކޮންސްޓަބަލް ރޭންކުން ސާޖަންޓް ރޭންކަށް ކުރިއެރުން ލިބުނު 10 ފުލުހުންނެވެ. އަތޮޅުތަކުގައި ހިދުމަތްކުރާ ފުލުހުންނަށް އެ ސަރަހައްދުތަކުގައި މަގާމުގެ ކުރިއެރުން ހަވާލުކުރުމުގެ އިންތިޒާމު މިހާރު ވަނީ ހަމަޖެހިފައެވެ.
