ތައުލީމީ އެކި އިމްތިހާންތަކަށާއި އަސާސީ ހިދުމަތްތަކަށް އޮންލައިންކޮށް ފައިސާ ދެއްކުމުގައި ދަތިތަކެއް ކުރިމަތިވާނަމަ، އެކަން ބޭންކަށް ހުށަހެޅުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އެދިއްޖެއެވެ.
ބީއެމްއެލް އިން ބުނީ، އައި.އީ.އެލް.ޓީ.އެސް (އައިލެޓްސް) ފަދަ ބައެއް ތައުލީމީ އިމްތިހާންތަކަށް ފައިސާ ދައްކާއިރު، ބައެއް ފަހަރު މުއާމަލާތް "ބްލޮކް" ވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. މީގެ މައިގަނޑު ސަބަބަކީ އެ މުއާމަލާތް ކުރެވޭ ސައިޓުތައް ބޭންކަށް ރަޖިސްޓަރީ ކުރެވިފައި ވަނީ "ތައުލީމާ" ގުޅުންހުރި ކޯޑެއްގެ ދަށުން ނޫން ކަމަށްވާތީ ނުވަތަ އެއްވެސް ކެޓަގަރީއެއް ކަނޑައެޅިފައި ނުވާ ކޯޑުތަކެއްގެ ދަށުން ކަމަށް ވާތީއެވެ.
މިފަދަ ހާލަތެއް ދިމާވެ، މުއާމަލާތެއް ޑިކްލައިންވެއްޖެނަމަ، އެ މުއާމަލާތުގެ ތަފްސީލާއެކު ބޭންކަށް ހުށަހެޅުމަށް ބީއެމްއެލް އިން ވަނީ އިލްތިމާސްކޮށްފައެވެ. ބޭންކަށް އެ މައުލޫމާތު ހުށަހެޅުމުން، އެ ސައިޓެއް މުރާޖައާކޮށް، ކުރިއަށް އޮތް ތަނުގައި ކަސްޓަމަރުންނަށް ފަސޭހަކަމާއެކު އެ ސައިޓެއް މެދުވެރިކޮށް ފައިސާ ދެއްކޭނެ ގޮތަށް ކަންކަން ހަމަޖައްސައިދޭނެ ކަމަށް ބޭންކުން ބުނެއެވެ.
ބޭންކުން އިތުރަށް ހާމަކުރި ގޮތުގައި، އޮންލައިންކޮށް ކުރާ ބައެއް ވިޔަފާރިތަކަށް ދުވާލަކަށް ވަކި ލިމިޓެއް ކަނޑައަޅާފައިވީ ނަމަވެސް، ތައުލީމީ އަދި ސިއްހީ ހިދުމަތްތަކުގެ އިތުރުން އެކި ކަހަލަ ސަބްސްކްރިޕްޝަންތަކަށް ކުރާ އަސާސީ ހަރަދުތަކަށް މި ލިމިޓްތަކުގެ ސަބަބުން އެއްވެސް ހުރަހެއް ނޭޅޭނެއެވެ.
މިފަދަ މުއާމަލާތްތަކަށް ފުރިހަމަ އެހީތެރިކަން ދީ، ކަސްޓަމަރުންނަށް ދިމާވާ އެންމެހާ މައްސަލަތައް ޙައްލުކޮށްދިނުމުގައި ދެމިތިބޭނެކަމުގެ ޔަގީންކަން ބީއެމްއެލް އިން ވަނީ ކަސްޓަމަރުންނަށް އަރުވާފައެވެ.
