ރަޝިޔާއިން ދެމުންގެންދާ ބެލިސްޓިކް މިސައިލް ހަމަލާތައް ހުއްޓުވުމަށް އެމެރިކާގެ ޕޭޓްރިއަޓް އިންޓަސެޕްޓަރު ސްޓޮކްގެ 10 ޕަސެންޓް ޔޫކްރެއިނަށް ވިއްކުމަށް އެ ގައުމުގެ ރައީސް ވޮލޮޑިމިއާ ޒެލެންސްކީ އެދިވަޑައިގެންފިއެވެ.

ސީއެންއެންއަށް ދެއްވި އިންޓަވިއުއެއްގައި ޒެލެންސްކީ ވިދާޅުވި ގޮތުގައި، ރަޝިޔާގެ ހަމަލާތައް ހުއްޓުވުމަށް މިވަގުތު ޔޫކްރެއިނަށް ބޭނުންވާ އިންޓަސެޕްޓަރުގެ ހުރީ އެންމެ 10 ޕަސެންޓެވެ. އެމެރިކާގެ ސްޓޮކްގެ ފަސް ޕަސެންޓް ލިބިއްޖެ ނަމަ ކުރިއަށް އޮތް ފިނި މޫސުމުގައި ރައްޔިތުން ސަލާމަތްކުރެވޭނެ ކަމަށާއި، 10 ޕަސެންޓް ލިބިއްޖެ ނަމަ ރަޝިޔާގެ ހުރިހާ ބެލިސްޓިކް މިސައިލްތަކެއް ނައްތާލެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް މިވަގުތު ޔޫކްރެއިނަށް ލިބިފައިވަނީ އެމެރިކާގެ ސްޓޮކްގެ އެންމެ އެއް ޕަސެންޓް ކަމަށް ޒެލެންސްކީ ފާހަގަކުރެއްވިއެވެ.

ޒެލެންސްކީ ވިދާޅުވި ގޮތުގައި 2025 ވަނަ އަހަރާ އަޅައި ބަލާއިރު މިއަހަރު ޔޫކްރެއިނަށް ލިބިފައިވާ އިންޓަސެޕްޓަރުގެ އަދަދު ވަނީ ދެގުނައާއި ބައި މަދުވެފައެވެ. އަދި ރަޝިޔާއިން މަހެއްގެ މައްޗަށް ބޭނުންކުރާ ބެލިސްޓިކް މިސައިލްގެ އަދަދު ކުރިއަށް ވުރެ ދެގުނަ އިތުރުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އދ. އިން ހާމަކޮށްފައިވާ ގޮތުގައި ނިމިދިޔަ ޖުލައި މަހަކީ 2022 ވަނަ އަހަރުގެ އޭޕްރީލް މަހަށް ފަހު ޔޫކްރެއިންގެ އާންމުން އެންމެ ގިނައިން މަރުވި މަހެވެ.

ދުނިޔޭގެ ބާޒާރުގައި މިސައިލް މަދުވެފައިވަނީ އެމެރިކާއާއި އީރާނާ ދެމެދު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ކަމަށް ސީއެންއެންއިން ރިޕޯޓުކޮށްފައިވެއެވެ. އީރާނުގެ ހަމަލާތައް ދިފާއުކުރުމަށް އެމެރިކާއާއި ގަލްފުގެ ގައުމުތަކުން ވަނީ ގިނަ އަދަދެއްގެ އިންޓަސެޕްޓަރު ބޭނުންކޮށްފައެވެ. ޒެލެންސްކީގެ ވާހަކަތަކާ ގުޅިގެން ވައިޓް ހައުސްގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި، ޔޫކްރެއިނާއެކު ދިފާއީ ސިނާއަތުގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް އެމެރިކާ ސަރުކާރުން ދަނީ މަސައްކަތްކުރަމުންނެވެ. ނަމަވެސް އެމެރިކާގެ އަމިއްލަ ދިފާއީ ނިޒާމުތައް ރައްކާތެރިކުރުމަށް އިސްކަންދޭންޖެހޭ ކަމަށް އޮފިޝަލު ފާހަގަކުރެއްވިއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރާއެކު ކުރިއަށްދާ މަޝްވަރާތަކާ ގުޅޭގޮތުން ޒެލެންސްކީ ވިދާޅުވީ، ޔޫކްރެއިންގައި ޕޭޓްރިއަޓް މިސައިލް އުފެއްދުމުގެ ހުއްދަ ދެއްވާނެ ކަމަށް ޓްރަމްޕް ކުރިން ވިދާޅުވި ނަމަވެސް، ފަހުން އެކަމާ މެދު ޔަގީންކަން ނެތް ކަމަށް ވިދާޅުވެފައިވާ ކަމަށެވެ. މީގެ އިތުރުން، ސުލްހައިގެ މަޝްވަރާތަކުގައި އެމެރިކާގެ ބައިވެރިވުން އިތުރުކުރުމަށް ޒެލެންސްކީ ވަނީ އެދިވަޑައިގެންފައެވެ. ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕޫޓިން ހަނގުރާމަ ހުއްޓާލަން ބޭނުންނުވާ ކަމަށާއި، ޕޫޓިންއަށް އެކަށީގެންވާ ފިއްތުންތަކެއް ކުރިމަތިކުރެވެމުން ނުދާ ކަމަށް ޒެލެންސްކީ ވިދާޅުވިއެވެ.

ޑޮންބާސް ސަރަހައްދު ރަޝިޔާއަށް ދޫކޮށްލުމަށް ޒެލެންސްކީ ވަނީ ދެކޮޅުހައްދަވާފައެވެ. އަދި ޕޫޓިންއަށް ކާމިޔާބީއެއް ނުލިބިއްޖެ ނަމަ، ނޭޓޯގެ މެންބަރު ގައުމުތަކަށް، ހާއްސަކޮށް ބޯލްޓިކް ގައުމުތަކަށް ހަމަލާދިނުމަކީ އެކަށީގެންވާ ކަމެއް ކަމަށް ހުޅަނގުގެ ބައެއް ފަރާތްތަކުން ލަފާކުރާ ކުރުމަށް ތާއީދުކުރައްވާ ކަމަށް ވެސް ޒެލެންސްކީ ވިދާޅުވިއެވެ.