އިސްލާމީ ކަންތައްތަކަށް އެހީވާ ވަގުފު ފަންޑަށް މިއަހަރުގެ މިހާތަނަށް 3 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކޮށްފިއެވެ.
މި ފައިސާ ލިބިފައިވަނީ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ވެބްސައިޓުގައި ވަގުފާއި ސަދަގާތްކުރުމަށް ގާއިމުކޮށްފައިވާ ލިންކުތައް މެދުވެރިކޮށްކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.
މީރާގެ އޮންލައިން ޕޯޓަލް މެދުވެރިކޮށް ފަސޭހަކަމާއެކު ވަގުފާއި ސަދަގާތް ކުރެވޭނެ ނިޒާމެއް ގާއިމުކުރުމުގެ މައިގަނޑު މަގުސަދަކީ ދީނީ ކަންކަމަށް ހޭދަކުރަން ބޭނުންވާ ފަރާތްތަކަށް ލުއިފަސޭހަކޮށްދިނުމާއި، ފަންޑަށް ލިބޭ ފައިސާގެ ނިޒާމު އިތުރަށް ހާމަކަން ބޮޑު ގޮތެއްގައި ކުރިއަށް ގެންދިއުން ކަމަށް ވަނީ ބުނެފައެވެ.
އިސްލާމިކް މިނިސްޓްރީން ވަނީ މީރާ މެދުވެރިކޮށް ވަގުފު ފަންޑަށް ލިބޭ ފައިސާ ހަރަދުކުރުމުގައި އަމަލުކުރަނީ ވަރަށް ހަރުދަނާ އުސޫލުތަކެއްގެ މަތިންކަމަށް ބުނެފައެވެ.
އެގޮތުން މި ފައިސާ ހަރަދުކުރުމަށް ހަމަޖެހިފައިވަނީ ވަގުފު ފަންޑުގެ ޓްރަސްޓް ސްޓޭޓްމަންޓްގައި ބަޔާންވެގެންވާ ކަންކަމަށްކަމަށާއި، މީގެ ތެރޭގައި މިސްކިތްތައް ބިނާކުރުމާއި، މިސްކިތްތައް މަރާމާތުކޮށް ބެލެހެއްޓުމުގެ އިތުރުން ދީނީ ތައުލީމު ފެތުރުމާއި އަދި ދީނީ ލިޔުންތައް ޝާއިއުކުރުމަށް ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.
ރާއްޖޭގައި ވަގުފު މާލީ ނިޒާމު ހަރުދަނާކޮށް، ދެމެހެއްޓެނިވި ގޮތެއްގައި އާމްދަނީ ލިބޭނެ އިމާރާތްތަކާއި މަޝްރޫއުތައް ބިނާކުރުމަށް ސަރުކާރުން ދަނީ ހާއްސަ އިސްކަމެއް ދެމުންނެވެ. އެގޮތުން "ދާރުއްސަލާމް" އަދި "ދާރުއްނައީމް" ފަދަ ވަގުފު އިމާރާތްތައް ތަރައްގީކޮށް، އެތަންތަނުން ލިބޭ އާމްދަނީން އިސްލާމީ ކަންތައްތަކަށް ހޭދަކުރުމުގެ މަޝްރޫއުތައް ދަނީ ހިންގަމުންނެވެ.
