ގދ. ތިނަދޫ، ސިޓީއަކަށް ބަދަލުކުރުމަށްޓަކައި އެ ރަށުގެ އާބާދީގެ ތަފާސްހިސާބުތައް އޮޅުވާލާފައިވާ ކަމަށް ކުރެވޭ ތުހުމަތުގައި، އެ ސިޓީގެ މޭޔަރު ސައުދު އަލީ މިއަދު ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފިއެވެ.
މިކަމާ ގުޅިގެން މޭޔަރު ސައުދު ވިދާޅުވީ، އޭނާ ފުލުހަށް ހާޒިރުކޮށްފައިވަނީ ތިނަދޫގައި މީހުން އާބާދުވިތާ 60 އަހަރު ފުރުން ފާހަގަކުރުމުގެ ތައްޔާރީތައް ވަމުންދަނިކޮށް ކަމަށެވެ. ސިޔާސީ ގޮތުން ކިތަންމެ ފިއްތުންތަކެއް ކުރިމަތި ކުރުވިއަސް އޮގަސްޓް 22 ވަނަ ދުވަހު އެ ދުވަސް ފާހަގަ ކުރާނެ ކަމަށާއި އެ ދުވަހާ ގުޅިގެން އޮގަސްޓް 20 ވަނަ ދުވަހުން ފެށިގެން 3 ދުވަހުގެ ހަރަކާތްތައް ކުރިއަށް ގެންދާނެ ކަމަށް ސައުދު ވިދާޅުވިއެވެ.
ތިނަދުއަށް ސިޓީއެއްގެ ދަރަޖަ ދީފައިވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ތެރޭގައެވެ. އޭރުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ތިނަދޫގެ އާބާދީއަކީ ގާތްގަނޑަކަށް 8,000 އެވެ. ނަމަވެސް، ރާއްޖޭގެ ގާނޫނު ބުނާގޮތުން ސިޓީއެއްގެ ދަރަޖަ ދެވޭނީ އާބާދީގައި މަދުވެގެން 10,000 މީހުން ހަމަވުމުންނެވެ.
މި މައްސަލައިގައި ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ މީގެ ކުރިން ވަނީ ތިނަދޫ ސިޓީއަކަށް ބަދަލުކުރީ ގާނޫނާ ހިލާފަށް ކަމަށް ބުނެ ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އަށް މައްސަލަ ހުށަހަޅުއްވާފައެވެ. ސައުދުﷲ ހިލްމީ ތުހުމަތު ކުރައްވާ ގޮތުގައި، 2022 ވަނަ އަހަރުން ފެށިގެން ތިނަދޫ ކައުންސިލުން ވަނީ އާބާދީ އިތުރުކޮށް ދެއްކުމަށް ބޮޑެތި އޮޅުވާލުންތަކެއް އޮޅުވާލާފައެވެ. އޭގެ ތެރޭގައި:
އެ އަތޮޅުގެ އެހެން ރަށްރަށުގެ މީހުންނަށް ނޭނގި ތިނަދޫ ރަޖިސްޓްރީގައި ހިމެނުން.އެއް ބައެއްގެ ނަން އެތައް ފަހަރަކު ތަކުރާރުކޮށް ލިސްޓުގައި ހިމެނުން.މަރުވެފައިވާ މީހުންނާއި، ރަށްވެހިކަން ބަދަލުކޮށްފައިވާ މީހުންގެ ނަންތައް ބޭނުންކުރުން.އައިޑީ ކާޑު ނަންބަރުތަކާއި ގޭގޭގެ ނަންތައް އެކި ގޮތްގޮތަށް ބަދަލުކޮށްގެން އާބާދީ 10,150 އަށް އެރުވުން.ސައުދުﷲ ހިލްމީ ފާހަގަކުރެއްވި ގޮތުގައި، ތިނަދޫ ކައުންސިލުން ފޮނުވި ލިސްޓު އެލްޖީއޭއިން ޗެކްކުރިއިރު، 307 މީހެއްގެ އައިޑީ ކާޑު ނަންބަރު ތަކުރާރުވެފައިވާކަން ވަނީ ފާހަގަވެފައެވެ. އަދި ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރް) ގެ ހިސާބުތަކުން ވެސް އެ ރަށުގެ އާބާދީ 8,000 އަށް ވުރެ މަދުކަމަށް ދައްކާތީ، ސިޓީއަކަށް ބަދަލުކުރަން އެލްޖީއޭއިން ތަކުރާރުކޮށް އިންކާރުކުރި ކަމަށް އޭނާ ވިދާޅުވިއެވެ.
އާބާދީ އޮޅުވާލި ކަމުގެ މި ބޮޑު ތުހުމަތާ ގުޅިގެން ހެދި އިންކުއަރީއަކަށް ފަހު، މޭޔަރު ސައުދު އަލީ މީގެ ކުރިން ތިން މަސް ދުވަހަށް ސަސްޕެންޑް ވެސް ކުރިއެވެ.
