ހުޅުމާލޭ ދެ ފިޔަވަހި ގުޅުވަދޭ ބްރިޖް ދަށުގައި ހިންދޫދީނުގެ އަޅުކަން ކުރި ބިދޭސީ އަންހެނަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ، ހުސްވި ޖުލައި މަހުގެ 25 ވަނަ ދުވަހު ހުޅުމާލޭގެ ދެ ފޭސް ގުޅުވައިދޭ ބްރިޖްތައް ހުންނަ ސަރަހަައްދުގައި އަންހެނަކު ހިންދޫ ދީނަށް އަޅުކަންކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ފުލުހުންގެ ސަމާލުކަަމަށް އައިސްފައިވާ ކަމަށެވެ.

އަދި އެ އަންހެން މީހާ ހޯދާ މިދިޔަ އަންގާރަދުވަހު ދުވަހު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ. އަދި އެއީ އެއީ 44 އަހަރުގެ ނޭޕާލް އަންހެނެއް ކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.

އަދި އެއީ 2024 ވަނަ އަހަރުން ފެށިގެން އިމިގްރޭޝަން ގާނޫނާ ހިލާފަށް ރާއްޖޭގައި އުޅޭ މީހެއްކަން ތަހުގީގަށް އެނގުމުން އޭނާ އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށް ވެއެވެ. އެފަދަ މީހުންނާ މެދު އިމިގްރޭޝަނުން އާންމު ގޮތެއްގައި އަމަލު ކުރަނީ ޑީޕޯޓު ކުރަމުންނެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއިން ފެންނަ ގޮތުގައި އޭނާ ބްރިޖް ދަށުގެ މޫދުން ފެން ނެގުމަށްފަހު ބޯ މައްޗަށް ބުރުއްސުވާ މަންޒަރު ފެނެއެވެ. އަދި އެވަގުތު އެ ހިންދީ ބަހުރުވައިން ވާހަކަ ދައްކާ އަޑުވެސް އިވެއެވެ.