ރާއްޖޭގެ ރުއްތަކަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާ ކޮކޮނަޓް ލީފް ބީޓްލް (ކުދި ރުކުމަޑި) ކޮންޓްރޯލްކުރުމަށްޓަކައި، އެ ސޫފިތަކަށް ގުދުރަތީގޮތުން ހަމަލާދޭ ފައިދާހުރި ސޫފާސޫފި އާލާކުރާ 'ޕާމް ޕެސްޓް ބައިއޮލޮޖިކަލް ކޮންޓްރޯލް ޕެރަސައިޓޮއިޑް ރީއާރިން ސެންޓަރު' ރަސްމީކޮށް އިފްތިތާހު ކޮށްފިއެވެ.
ހަނިމާދޫ އެގްރިކަލްޗާ ސެންޓަރުގައި ގާއިމުކޮށްފައިވާ މި ސެންޓަރު ހުޅުވައިދެއްވީ މަސްވެރިކަމާ ދަނޑުވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ މިނިސްޓަރު އަހްމަދު ޝިޔާމް އާއި ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޒިއަންހުއާ އެވެ.
މި ސެންޓަރަކީ ޗައިނާ ސަރުކާރާއި މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ގުޅިގެން ކުރިއަށްގެންދާ "މޯލްޑިވްސް ކޮކަނަޓް ޓްރީ ޕެސްޓް ކޮންޓްރޯލް އެސިސްޓެންސް ޕްރޮޖެކްޓް" ގެ ދަށުން ތަރައްގީކުރި މުހިންމު ވަސީލަތެކެވެ. މި މަޝްރޫއުގެ ދަށުން އެކުލަވައިލެވުނު "އިމްޕްލިމެންޓޭޝަން އެގްރީމެންޓް ފޯ ދަ އެސިސްޓެންސް ޕްރޮޖެކްޓް އޮން ކޮކޮނަޓް ޓްރީ ޕެސްޓް ކޮންޓްރޯލް އިން މޯލްޑިވްސް" އެއްބަސްވުމުގައި ދިވެހި ސަރުކާރާއި ޗައިނާގެ މިނިސްޓްރީ އޮފް ކޮމާސްއާ ދެމެދު ސޮއިކޮށްފައިވަނީ 14 ޖުލައި 2024 ގައެވެ.
މިކަމާ ބެހޭގޮތުން ފިޝަރީޒް މިނިސްޓްރީން އާންމުކޮށްފައިވާ ނޫސްބަޔާނެއްގައި ބުނީ، މި މަޝްރޫއުގެ މައިގަނޑު މަގްސަދަކީ ދިވެހިރާއްޖޭގެ ރުއްތަކަށް ޖެހޭ ބަލިތަކާއި ގެއްލުންދޭ ޕެސްޓްތައް ދެނެގަނެ، ތިމާވެއްޓާ ރައްޓެހި ގޮތެއްގައި އެފަދަ ބަލިތައް ދެމެހެއްޓެނިވި ގޮތެއްގައި ކޮންޓްރޯލް ކުރެވޭނެ ނިޒާމެއް ގާއިމުކުރުން ކަމަށެވެ. މިގޮތުން، ޕެސްޓަށް ހަމަލާދޭ ފައިދާހުރި ސޫފާސޫފި (ބަޔޮލޮޖިކަލް ކޮންޓްރޯލް އޭޖެންޓްސް) އާލާކޮށް، ބަލިޖެހިފައިވާ ސަރަހައްދުތަކަށް ދޫކުރުމުގެ މަސައްކަތް މި ސެންޓަރުން ކުރިއަށްދާނެކަމަށްވެއެވެ. ހަނިމާދޫގައި ގާއިމުކުރި މި ސެންޓަރުގައި ދުވާލެއްގެ މައްޗަށް އެއްލައްކަ ޕެރެސިޓޮއިޑް އާލާކުރުމުގެ ގާބިލުކަން ހުންނާނެ ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.
ކޮކޮނަޓް ހިސްޕިޑް ބީޓްލް ދިވެހިރާއްޖެއިން އެންމެ ފުރަތަމަ ފެނިފައިވަނީ 1999 ވަނަ އަހަރުގެ ޑިސެންބަރު މަހު އަރިއަތޮޅު ސަން އައިލެންޑް ރިސޯޓުންނެވެ. އޭގެ ފަހުން މި ޕެސްޓް ފެތުރުން ހުއްޓުވުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ. އެގޮތުން 2003 ވަނަ އަހަރު ފުޑް އެންޑް އެގްރިކަލްޗާ އޯގަނައިޒޭޝަނާ ގުޅިގެންވެސް މަޝްރޫއެއް ކުރިއަށް ގެންގޮސްފައިވެއެވެ.
މިހާރުވެސް ރުއްތަކަށް ޖެހޭ ބަލިތައް ކޮންޓްރޯލްކުރުމުގައި ގޮންޖެހުންތައް ހުރި ނަމަވެސް، އަލަށް މި ފެށުނު މަޝްރޫޢުގެ ސަބަބުން ރުއްތަކަށް ޖެހޭ ބަލިތައް ދެމެހެއްޓެނިވި ގޮތެއްގައި ކޮންޓްރޯލްކޮށް، ނައްތާލުމަށް ބޮޑު ބާރަކަށް ވެގެންދާނެ ކަމަށް ސަރުކާރުން އުންމީދު ކުރެއެވެ. މީގެ އިތުރުން، އެއް ރަށުން އަނެއް ރަށަށް ރުއް އުފުލުމުގައި ސަމާލުކަން ދޭންޖެހޭ ކަންކަމަށް އާންމުން ހޭލުންތެރިކުރުވުމާއި ކަރަންޓީން މިންގަނޑުތައް ތަންފީޒުކުރުމުގެ މަސައްކަތްވެސް މިނިސްޓްރީން ދަނީ ކުރަމުންނެވެ.
