ކ.ގާފަރު ކައިރިއަށް ބަންޑުންޖަހާލި ކޮޅުވެއްޓިން ގެއްލުނު ދެ ބިދޭސީން ހޯދުމަށް އެމްއެންޑީއެފް އެއާ ކޯ އާއި ކޯސްޓްގާޑުން ވައިގެމަގުންނާއި ކަނޑުމަގުން ބޮޑު ސަރަހައްދެއް ބަލައިފިއެވެ.

އެމްއެންޑީއެފް އިން ބުނީ ޖުލައި 31 ވަނަ ދުވަހުން ފެށިގެން ހުއްޓުމެއް ނެތި ކުރިއަށްދާ މި އޮޕަރޭޝަނުގައި އަދިވެސް އެ ދެ މީހުންގެ އެއްވެސް ބަރެއް ވެފައެއް ނުވެއެވެ.

އެމްއެންޑީއެފް އިން ބުނީ އެ ދެމީހުން ހޯދުމަށް ވައިގެ މަގުން އެމްއެންޑީއެފް އެއާ ކޯއިން 3,580 އަކަކިލޯމީޓަރުގެ ބޮޑު ސަރަހައްދެއް ސާޗްކޮށްފައިވާ ކަމަށެވެ. އަދި ކަނޑުގެ މަގުން ކޯސްޓްގާޑް ޝިޕް އިމާދުއްދީން އާއި ފާސްޓް އިންޓަސެޕްޓަ ކްރާފްޓުން 441 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާ ކަމަށެވެ. އިތުރަށް އެމްއެންޑީއެފް އިން ބުނީ އެމީހުން ހޯދުމަށް ކޯސްޓްގާޑުގެ ހާއްސަ ޑައިވަރުން 675,120 އަކަމީޓަރުގެ ސަރަހައްދެއް ޑައިވްކޮށްގެން ބަލާފައިވާކަމަށެވެ.

އެންޑީއެފުން ވަނީ އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރާއި، ކައިރި ރަށްރަށުގެ ރައްޔިތުން މޫދާއި ކަނޑުގެ ސަރަހައްދު ބަލައިދިނުމަށް އިލްތިމާސްކޮށްފައެވެ. އަދި މި ދެ މީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ، ލަސްނުކޮށް ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަންބަރު 191 ނުވަތަ 3395981 އަދި 3398898 އަށް ގުޅާ މައުލޫމާތު ދިނުމަށް އެމްއެންޑީއެފް އިން ވަނީ އެދިފައެވެ.

ޖުލައި މަހުގެ 31 ވަނަ ދުވަހު ހެނދުނު 08:48 އެހާއިރު ކޮޅުވެއްޓި ބަންޑުންޖަހާލި އިރު އޭގައި 2 ދިވެހިންނާއި 8 ބިދޭސީން ހިމެނޭހެން ޖުމްލަ 10 މީހުން ތިބިއިރު ހާދިސާގައި ސަލާމަތްވި 8 މީހުން ވަނީ ގާފަރަށް ގެންގޮސްފައެވެ.