"ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އަމާން ޓަވަރުތައް ހިމެނޭ ސަރަހައްދުގައި ދިމާވެފައިވާ ކުނީގެ މައްސަލައަށް ހައްލެއް ހޯދައި، އެ ސަރަހައްދު ސާފުކުރުމަށް ފާއިތުވި ނުވަ މަސްދުވަހުގެ ތެރޭގައި 13 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޭދަވެފައިވާ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހާމަކޮށްފިއެވެ.

އެފްޑީސީން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު އޮކްޓޯބަރު އިން 2025 އިން ފެށިގެން މިއަހަރުގެ މާޗާއި ހަމައަށް 3,178 ޓަނުގެ ކުނި ނައްތާލާފައިވެއެވެ. އަދި އެ މުއްދަތުގެ ތެރޭގައި އެކަމަށް 8.45 މިލިއަން ރުފިޔާ ހަރަދުވެފައިވެއެވެ. މީގެ އިތުރުން މި އަހަރުގެ މެއި މަހުން ފެށިގެން ޖޫން މަހާ ހަމައަށް 1,862 ޓަނުގެ ކުނި ނައްތާލާފައިވާއިރު އޭޕްރީލް މަހުގައި 75,100 ރުފިޔާ އަދި މެއި މަހުން ޖޫން މަހާ ހަމައަށް 4.95 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ.

އެފްޑީސީން ފާހަގަކުރި ގޮތުގައި އާންމު ސަރަހައްދުތަކަށް ގަވާއިދާ ހިލާފަށް ކުނި އަޅަމުންދިއުމަކީ އެ ކޯޕަރޭޝަނަށާއި ދައުލަތަށް ބޮޑު މާލީ ބުރައެއް އުފުލަންޖެހޭ ކަމެއް ކަމަށެވެ. މިފަދަ އިހުމާލުތަކުގެ ސަބަބުން ހިނގާ ބޮޑެތި ހަރަދުތައް ކުޑަކުރުމަށާއި، ހިތްފަސޭހަ މާހައުލެއް ބިނާކުރުމަށްޓަކައި ކުނި އުކާލުމުގައި މިހާރަށްވުރެ ބޮޑަށް ޒިންމާދާރުވުމަށް އެފްޑީސީން ވަނީ އިލްތިމާސްކޮށްފައެވެ.