ކ. ގާފަރު ކައިރިއަށް ބަންޑުންޖަހާލި ކޮޅުވެއްޓިން ގެއްލުނު ދެ މީހުން ހޯދުމުގެ މަސައްކަތުގެ ތެރެއިން، އެމްއެންޑީއެފް ކޯސްޓްގާޑާއި އެމްއެންޑީއެފް އެއާ ކޯ ގުޅިގެން ކަނޑާއި ވައިގެ މަގުން 2747 އަކަ ނޯޓިކަލް މޭލުގެ ބޮޑު ސަރަހައްދެއް ބަލާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އެމްއެންޑީއެފުން ބުނީ ކޮޅުވެއްޓި އަޑިޔަށް ދިޔަ ސަރަހައްދު ކޯސްޓްގާޑްގެ ޑައިވަރުން ޑައިވްކޮށްގެންވެސް ބަލާފައިވާ ކަމަށެވެ. މި ސާޗް އެންޑް ރެސްކިއު އޮޕަރޭޝަންގައި ކަނޑުމަގުން ކޯސްޓްގާޑް ޝިޕް އިމާދުއްދީންގެ އިތުރުން ފާސްޓް އިންޓަސެޕްޓަ ކްރާފްޓް (އެފްއައިސީ) ވެސް ހަރަކާތްތެރިވަމުން އަންނަކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ. ނަމަވެސް، މިހާތަނަށް ކުރެވުނު މަސައްކަތުން ގެއްލިގެން ހޯދަމުންދާ ދެ ބިދޭސީން ފެނިފައިނުވާކަމަށް އެމްއެންޑީއެފުން ވަނީ ހާމަކޮށްފައެވެ.

ޖުލައި މަހުގެ 31 ވަނަ ދުވަހު ހެނދުނު 08:48 އެހާއިރު ކޮޅުވެއްޓި ބަންޑުންޖަހާލި އިރު އޭގައި 2 ދިވެހިންނާއި 8 ބިދޭސީން ހިމެނޭހެން ޖުމްލަ 10 މީހުން ތިއްބެވެ. ހާދިސާގައި ސަލާމަތްވި 8 މީހުން ގާފަރަށް ގެންގޮސްފައިވާއިރު، އެ މީހުންގެ ހާލު ރަނގަޅުކަމަށް ގާފަރު ކައުންސިލުން ހާމަކޮށްފައިވާއިރު ސަލާމަތްވި މީހުންގެ ގައިން ބައެއް ތަންތަން މަށައިގެން ދިއުން ފަދަ ކުދިކުދި އަނިޔާތައް ލިބިފައިވީ ނަމަވެސް، އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވެއެވެ.

އެމްއެންޑީއެފުން ދަނީ ގެއްލުނު ދެ މީހުން ހޯދުމުގެ މަސައްކަތް ހުއްޓާނުލައި ކުރިއަށް ގެންދަމުންނެވެ.