މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ސަރުކާރުން ހިފާފައިވާ އަމާޒަށް ވާސިލުވުމުގެ ގޮތުން، "މާލެ ރޯޑް ޕްރޮޖެކްޓް" ގެ ދަށުން މާލޭގެ ބޮޑެތި މަގުތަކުގަ ކުރަން ޖެހޭ މަރާމާތުތައް ކުރުމަށް ބޭނުންވާ މުހިންމު ސާވޭގެ މަސައްކަތްތައް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން މިއަދު ފަށައިފިއެވެ.
މި މަޝްރޫއުގެ ޕްރީ-ކޮންސްޓްރަކްޝަން ސާވޭގެ ތެރެއިން އެމްޓީސީސީގެ ސާވޭ ޓީމުން މިއަދު ވަނީ އަމީނީ މަގުގެ "ކޯ ކަޓިން" މަސައްކަތްތައް ކުރިއަށް ގެންގޮސްފައެވެ. މިއީ މަގު ހެދުމުގެ އަމަލީ މަސައްކަތް ފެށުމުގެ ކުރިން، މަގުގެ ފަސްގަނޑާއި ތާރުގެ ފެންވަރު ދެނެގަތުމަށާއި، މަގުގެ އަޑީގެ ފަށަލަތަކުގެ ވަރުގަދަކަމާއި ބިންގަނޑުގެ ހާލަތު ދެނެގަތުމަށް ކުރެވޭ މުހިންމު ފަންނީ މަސައްކަތެކެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މާލޭގެ އުމްރާނީ ތަރައްގީއަށް ދެއްވާ ހާއްސަ އިސްކަމުގެ ދަށުން ކުރިއަށްދާ މި މަޝްރޫއުގެ ތެރޭގައި މާލޭގެ މައި ތިން މަގެއް ކަމަށްވާ އަމީނީ މަގު، އިއްޒުއްދީން މަގު، އަދި ބޮޑުތަކުރުފާނު މަގު ހިމެނެއެވެ. މި މަގުތައް އަލުން މަރާމާތުކޮށް، ޒަމާނީ ފެންވަރަށް ތަރައްގީކުރުމުން މާލޭގެ ޓްރަފިކް މައްސަލައަށް ބޮޑު ލުޔެއް ލިބި، ހިނގާބިނގާވެ އުޅޭ ފަރާތްތަކަށާއި ދުއްވާ އެއްޗެއްސަށް ރައްކާތެރި، ފަސޭހަ މާހައުލެއް ގާއިމުވެގެންދާނެއެވެ.
