ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށާއި، ކަނޑުމަތީގައި ދިމާވާ ކުއްލި ނުރައްކަލުގެ ހާލަތްތަކަށް އިޖާބަދިނުމުގެ ގާބިލުކަން އިތުރުކުރުމަށް ގާއިމުކުރި މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރު (އެމްއާރުސީސީ) އާ އިމާރާތް ހުޅުވައިފިއެވެ.

މި ސެންޓަރު ހުޅުވައިދެއްވީ އެކަމަށް ވިލިމާލޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

އެމްއާރުސީސީއަކީ އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހިނގާ ހާދިސާތަކާއި، ކަނޑުވެގެން މީހުން ހޯދުމާއި ސަލާމަތްކުރުމުގެ ސާޗް އެންޑް ރެސްކިއު އޮޕަރޭޝަންތައް ކޯޑިނޭޓްކުރާ މައި ސެންޓަރެވެ.

މި ސެންޓަރުގެ އާ އިމާރާތުގެ ބިންގާ 23 ޖޫން 2022 ގައި އަޅާފައިވާއިރު، މި އާ އިމާރާތާއެކު، މުވާސަލާތީ އަދި ކަނޑުމަތި ބެލެހެއްޓުމުގެ ޒަމާނީ ވަސީލަތްތައް ގާއިމުކުރެވި، ކުއްލި ހާލަތްތަކުގައި ހަރަކާތްތެރިވުމުގެ އަވަސްމިނާއި ގާބިލުކަން އިތުރުވެގެންދާނެކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.

އެމްއާރުސީސީން ވަނީ އަލަށް ގާއިމުކުރެވުނު އިމާރާތުގައި ކަނޑާއި ވައިގެމަގުން ހިނގާ ހާދިސާތައް ވިލަރެސްކުރުމަށް ޒަމާނީ އޮޕަރޭޝަންސް ރޫމާއި، އިންސާނީ ވަސީލަތް ތަރައްގީކޮށް ތަމްރީނުތައް ހިންގުމަށް ކްލާސްރޫމްތަކާއި އޮޑިޓޯރިއަމެއް ހިމެނޭކަމަށް ބުނެފައެވެ.

މި ވަސީލަތްތަކާއެކު ކަނޑުމަތީ ހިނގާ ހަދީސާތަކުގައި ރައްޔިތުންގެ ފުރާނައާއި މުދާ ސަލާމަތްކުރުމަށް ކުރެވޭ މަސައްކަތަށް އިތުރަށް ހަރުދަނާވެގެންދާނެކަމަށް ވެސް ވަނީ ބުނެފައެވެ.